ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ފިޔާ ބިސް އަލުވި ޚާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 7 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 8:50ރ ވިއްކާއިރު ބިހެއް 1.50ރ ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. މިދިޔަ އަހަރު ފިޔާ ކިލޯއެއްގެ އަގު އުޅުނީ 8 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 9ރ އަށް ވިއްކިއިރު ބިހެއް ވިއްކާފައިވަނީ 1.30ރ އަށެވެ. އެހެންކަމުން އަލުވި އަދި ބިހުގެ އަގު މިއަހަރުވަނީ ބޮޑުވެފައެވެ.
އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 140 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 270 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
މިއަދަދު މިދިޔަ އަހަރު ހުރީ ފިޔާ ބަސްތާއެއް 170ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް އަދި ބިސް ކޭހެއް 200 ރުފިޔާއަށެވެ. މީގެ އިތުރުން ގަނޑުކޮށް ސުޕަމާރޓް ހޯލްސޭލް ސެންޓަރުން މުދާ ނަގާ ފަރާތްތަކަށް 25 ކޭހައްވުރެ އިތުރަށް ނަގާނަމަ ފިޔާ ބަސްތާއެއް 130 ރުފިޔާއަށް، އަލުވި ބަސްތާއެއް 170 ރުފިޔާއަށް އަދި ބިސް ކޭހެއް 260 ރުފިޔާއަށް ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
އެސްޓީއޯއިން ބުނީ ގިނަ ކަސްޓަމަރުންގެ އެދުމުގެމަތިން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ވިއްކުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އަދި ރަމަޟާން މަހާ ދިމާކޮށް ޢާއްމުނަށް ފަސޭހަކަމާއެކު ފިޔާ ބިސް އަދި އަލުވި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހުންނަ އެ ކުންފުނީގެ ގުދަނުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެކުންފުނިން ބުނެއެވެ.