ސިޔާސީ

ތޮލްހަތުގެ މައްޗަށް ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށް


ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 10އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.އެކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައިވަނީ ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކަމަށް މަޝްވަރާކޮށް އެކަން ރާވާ އިސްގާޒީ ހައްޔަރުކުރުމުގައި ތޮލްހަތު ބައިވެރިވެފައިވާކަން އޭނާ ޝަރީއަތުގެ މަޖްލީހުގައި ދެއްކި ވާހަކަތަކުންނާއި ހެކިންގެ ހެކިންބަހުން ސާބިތުވާކަމަށެވެ. އަދި ތޮލްހަތު އެކަންކޮށްފައިވަނީ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އޭރޫގެ  ސިފައިންގެ އެންމެ މަތީވެރިޔާ  ނިންމުންކަމަށްވެސް  ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.މި މައްސަލާގައި ހުކުމް އިއްވުމާއި އެކު ތޮލްހަތު ވަނީ ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ފަސްމީހެއްގެ މައްޗަށް އުފުލާފައިވާއިރު އޭގެތެރެއިން އެންމެ މައްސަލައެއް ފިޔަވާ ހުރިހާ މައްސަލައެއްގައި މިހާރު ވަނީ ހުކުމްއިއްވާފައެވެ.މި މައްސަލާގައި ހިމެނޭ ކުރީގެ ރއީސް މުހައްމަދު ނަޝީދް ތޭރަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ހާދިސާ ހިންގި އިރު ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުރި މިހާރު ޑިފެންސް މިނިސްޓާރ މޫސާ އަލީ ޖަލީލްއާއި އޭރުގެ ކާނަލްގެ މުހައްމަދު ޒިޔާދްގެ މައްޗަށް ކުށްސާބިތުނުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.މި މައްސަލާގައި މިހާތަނަށް ނުނިމި އޮތީ ކުރީގެ މާލޭ އޭރިޔާގެ ކޮމާންޑަރ އިބްރާހިމް މުހައްމަދު ދީދީގެ މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދަނިކޮށް އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އެ މައްސަލައިގެ ޝަރީއަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.