ޚަބަރު

ކައުންސިލްތައް ފުރިހަމައަށް ހިންގުމަށްޓަކައި ޤާނޫނުން ލިބިދޭންޖެހޭ ބާރުތައް ފުރިހަމައަށް ލިބެންޖެހޭ- އެލްޖީއޭ


ކައުންސިލްތަކަކީ އަމިއްލައަށް މަސައްކަތްކޮށްގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށް ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދާނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރޮޓީގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް ރަޝީދު ވިދާޅުވެއްޖެއެވެ.

އިސްމާޢީލް ރަޝީދު މިހެން ވިދާޅުވީ ބ.އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތައް ހިންގުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީކަންކަން ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވި ފުރަތަމަ މަހާސިންތާ ނިންމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކައުންސިލްތައް ހިންގުމަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަކަމަށާ، އެހެން އެކަންކަން ދިމާވަނީ ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުގައި ބުނާ ބާރުތައް ފުރިހަމައަށް ދެވިފައި ނެތުމުން ކަމަށެވެ. އެހެންކަމުން އެ ބާރުތައް ކައުންސިލްތަކަށް ލިބުމުން، ކައުންސިލްތަކަށް ލިބޭ އާމްދަނީ ބޮޑުވެ، ރައްޔިތުންނަށް ބޭނުވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މަހާސިންތާއިން، ކައުންސިލްތައް ހިންގުމަށް ހުރި ގޮންޖެހުންތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ހުރި ގޮންޖެހުންތައް ވަރަށް ރަގަޅަށް އެނގިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ބައްދަލުވުމުގައި ކައުންސިލްތަކުން އެކުލަވާލާފައިވާ ކަރުދާހުގައި ވާކަންކަން ކުރުމަށް އެލްޖީއާ ކައުންސިލްތައް އަދި ކަމާ ގުޅޫންހުރި އިދާރާތައް ގުޅިގެން މަސައްތްކޮށް އެކަންކަން ހައްލުކޮށްދެއްވާނަން. މި ގޮތައް ބާރުތައް ލިބުމުން ކައުސިލުން އެހެން ބަޔަކަށް ބަރޯސާ ވާކަށް ނުޖެހޭނެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަވެ ކައުންސިލްތަކުގެ އާމްދަނީ އިތުރުވެ، ރައްޔިތުން ބަލައިގަންނަ ވަރުގެ ކައުންސިލްތަކަށް ހަދާނަނަން." އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ބައިވެރިންބުނީ ކައުންސިލްތަކުގެ ހިންގުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިދާރީ ގޮތުން ހުރިހާ ކައުންސިލެއް ހިންގުން އެގޮތް ކުރަންޖެހޭކަމަށެވެ.

ދެދުވަހުގެ މުއްދަތަކަށް ބ.އޭދަފުށީގައި ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ބ.އަތޮޅުން 30 ބޭފުޅަކު ބައިވެރިވެފައިވެއެވެ. ބ.އަތޮޅު ކައުންސިލުން ބުނީ މިފަދަ އިތުރު މަހާސިންތާއެއް ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެންވެސް ބޭއްވުމަށް ރާވަމުންދާކަމަށެވެ.