ސިޔާސީ

ސަޕޯޓަރުން އެދޭނަމަ ޕާޓީއާ ދުރަށްޖެހިލާނަން - ޔާމީން


ސަޕޯޓަރުން އެދިވަޑައިގެންފިނަމަ ޕީޕީއެމްގެ ލީޑަރުކަމުން ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާއި އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް ޕީޕީއެމްއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން އެކަމަށް ޕީޕީއެމްގެ ކައުންސިލްގެ ބޭފުޅުންގެ ފާޑުކިއުންތައް އެޕާޓީގެ ލީޑަރޝިޕާ އަމާޒުވެފައި ވަނިކޮށެވެ. ޕާޓީގެ ކައުންސިލް މެންބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕުތަކުގައި ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރުން އަންނަނީ އެކަމުގެ ފުރިހަމަ ޒިންމާ ޕާޓީގެ ލީޑަރޝިޕުން ނަގަންޖެހޭނެ ކަމަށް ބުނަމުންނެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރަކު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެޕާޓީން މިހާތަނަށް ވާދަކުރި ހުރިހާ އިންތިޚާބެއްގައިވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ ކަމަށެވެ. އަދި ޚާއްސަކޮށް ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށް ޕީޕީއެމްއަށް ބޮޑު ނާކާމިޔާބީއެއް ލިބިގެން ދިއުމަކީ ޕާޓީގެ ކައުންސިލްގައި ތިއްބެވި ގިނަ ބޭފުޅުންނާއި ޕާޓީގެ އާއްމު މެންބަރުންނަށް ހަޖަމު ކުރަން ފަސޭހަ ކަމަކަށްނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވެރިކަމުގައި އޮއްވާ ބޭއްވިގެން ދިޔައީ ކައުންސިލް އިންތިޚާބެއް. އެކަމުންވެސް އަޅުގަނޑުމެން ބަލިވީ. ޕާޓީގެ ލީޑަރޝިޕުން އެކަން ނެގީ ވަރަށް ކުޑަކޮށް. ދެން އަނެއްކާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު، ހީވެސްނުކުރާ ގޮތަކަށް މިދިޔައީ. އެކަމުގައި ބަހުސްތައް ކައުންސިލް މެންބަރުން ހިމެނޭ ގްރޫޕަތަކުގައި ދަނީ ކުރަމުން. ދެން މީގެ ދުވަސްކޮޅެއްކުރިން މިވާ ގޮތަކީ ރައީސް ޔާމީން ވިދާޅުވީ ކައުންސިލް މެންބަރުން އެގޮތަށް އެދިވަޑައިގަންނަވާނަމަ އެކަން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް،" ޕީޕީއެމް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ޕާޓީގެ ލީޑަރޝިޕުން ދުރަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ރޭގެ ވަގުތެއްގައި ތަކުރާރު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ރައީސް ޔާމީނަށް ސަޕޯޓުކުރާ ފަރާތްތައް ހިމެނޭ ގްރޫޕެއްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީއާ ދުރަށް ޖެހިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަން ނިންމާނީ ސަޕޯޓަރުންނާއި ޕާޓީން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން އެ ގްރޫޕުގައި ވިދާޅުވި، އެމަނިކުފާނުގެ އާއިލާއިންވެސް ވަރަށް ޕްރެޝަރ ކުރައްވާ ކަމަށް ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަތުމަށް. އެހެންކަމުން ސަޕޯޓަރުން ވިދާޅުވާނަމަ ދުރަށް ޖެހިލާފާނަން ކަމަށް ރައީސް ވިދާޅުވި،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަރޝިޕުން ދުރަށް ޖެހިވަޑައިގަތުމަށް ރައީސް ޔާމީން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމްއާ ގުޅެން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ދާދިފަހުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.