ސިއްހަތު

ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށްވުމަށްޓަކާ ޞިއްޙީގޮތުން ހޭލުންތެރިވާންޖެހޭ - މިނިސްޓަރ އަމީން


ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށްވުމަށްޓަކާ ޞިއްޙީގޮތުން ހޭލުންތެރިވާންޖެހޭކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ބަލިތަކާއިގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޤައުމީ ކެމްޕޭން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ނަފްސާނީ މައްސަލަތައް ކުރިމަތިވާ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކަންކަން ހިއްސާކުރާނެގޮތް ނޭންގުންކަމަށާއި، މިކަމާމެދު ހޭލުންތެރިވެ، ހަޤީޤީ ހާލަތު ހާމަކުރަން ކުރަން ކެރޭ ބަޔަކަށްވާންޖެހޭކަމަށެވެ. އަދި ނަފްސާނީ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް އެމީހުންގެ އުދާސްތައް ހާމަކޮށްދެވޭނެ މަގު ފަހިކޮށްދޭންޖެހޭކަމަށާއި، އެފަދަ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކުންވެސް ކަންކަން ހިއްސާކުރުމަށް ފަސްޖެހިގެންނުވާކެމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރަންތިބޭ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، ޒުވާނުންގެ މެދުގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށެވެ. އަދި ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށްވުމަށްޓަކާ ޞިއްޙީގޮތުންވެސް ހޭލުންތެރިވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ރެޑްކުރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ މުޙައްމަދު ވިދާޅުވީ، ނަފްސާނީގޮތުންވާ އުނދަގޫތައް ހިއްސާކުރުމަކީ އުނދަގޫކަމެއްކަމުން، އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަންދޭއިރު، ގެންގުޅޭ ބަސްމަގާމެދު ސަމާލުވާންޖެހޭކަމަށެވެ. އަދި އެފަދަ ފަރާތްތައް ހަވާސާ ނުވާނެހެން ކަންކަން ބައްޓަންކޮށް، ނަފްސާނީ ބަލިތަކާމެދު ގެންގުޅޭ ބީރައްޓެހިކަން ދޫކޮށްލަންޖެހޭކަމަށްވެސް ނޫރާ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ޤައުމީ ފެންވަރުގައި ފެށި "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕޭން 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މި ކެމްޕޭން މައިގަނޑުގޮތެއްގައި ބައްޓަންކޮށްފައިވަނީ "އަސްލު ކިހިނެއް؟" މި ޝިޢާރުގެ މައްޗަށެވެ. މިއީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކާއި މުޢާމަލާތް ކުރުމާއި، އެމީހުންގެ ހާލަތު ދެނެގަތުމުގައި ވިސްނަންޖެހޭ ކަންކަމާގުޅޭގޮތުން ހޭލުންތެރިކުރުވާ، އެފަދަ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ކަށަވަރުކޮށްދިނުމަށް ފެށި ކެމްޕޭނެކެވެ.