ސިއްހަތު

ނަފްސާނީ ބަލިތަކަކީ ބައްޔެއްނޫންކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ - ރައީސްގެ އަނބިކަނބަލުން

ނަފްސާނީ ދުޅަހެޔޮކަމަކީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއްކަމަށާއި، އެއީ ބައްޔެއް ނޫންކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށި ޤައުމީ ކެމްޕޭން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގެ ތެރޭގައި ހީކުރެވިފައިވާ ބައެއް ހީކުރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ބައެއް ފަރާތްތަކުގެ ކިބައިން ވަރުބަލިކަމާއި، ކަންނެތްކަން ފެނުމުން އެއީ ގަސްތުގައި ކުރާކަމެއްކަމަށް ބުނެ، އެފަދަ މީހުންނަށް އެކިގޮތްގޮތުން ޕްރެޝަރ ކުރުމާއި، ނަފްސާނީ ބައްޔަކީ ބައްޔެއް ނޫންކަމަށް ދެކޭމީހުން ދިވެހިންގެ ތެރޭގައިވެސް މަދު ނޫންކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުއިން ދެކޭދެކުން ބަދަލުކޮށް، އެފަދަ ފަރާތްތަކަށް، އެމީހުންގެ އިޙްސާސްތައް ފަސޭހައިން ކިޔައިދެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރަންޖެހޭކަމަށެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލު ކުރާ ފަރާތްތަކުން އެމީހުންގެ އިޙްސާސްތަކާގުޅޭގޮތުން ވާހަކަދެއްކުމަކީ ލަދުވެތިވާންޖެހޭކަމެއް ނޫންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ހަޤީޤަތަކީ އަޅުގަނޑުމެންގެ ތެރޭގައި އެއީ ބައްޔެއްކަން ނުވިސްނޭ މީހުން އަދިވެސް ތިބިކަން.. އަދި ތިމާއަށް މިވަނީ ކީއްކަން އެނގުނުކަމުގައިވިޔަސް ތިމަންނަގެ ނަފްސާނީ ބައްޔެއް ހުންނަކަން ބުނަން ކެރެނީ މަދުބަޔަކަށް.. އަޅުގަނޑު ހިތުން އެއީ ނަފްސާނީ ބައްޔާމެދު މީހުން ދެކޭގޮތުގެ ސަބަބުން ދިމާވާކަމެއް،" ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ނަފްސާނީ ބަލިތަކަކީ ވަކި އުމުރަކަށް ނުވަތަ ވަކި ޖިންސަކަށް އޮންނަކަމެއް ނޫންކަމުން، އެއީ ޤައުމީ ފެންވަރުގައި ވިސްނަންޖެހިފައިވާ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގައި ނަފްސާނީ ބަލިތައް ފެތުރެމުންދާ މިންވަރާއި ގުޅޭގޮތުން އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނެތްނަމަވެސް، އެއީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޖިސްމާނީ ބަލިތަކާއި ޚިލާފަށް ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންވާ ވަސީލަތްތައް ދުނިޔޭގެ ފެންވަރުގައިވެސް މަދުކަން ފާހަގަކުރައްވާ ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، ރާއްޖޭގައިވެސް އެފަދަ ބަލިތަކަށް ޙާއްސަ ތެރަޕިސްޓުންނާއި، މަރުކަޒުތައް ޤާއިމުވެގެންދާއިރު، އެފަދަ ފަރާތްތަކަކީ ކަމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާބައެއްކަން ކަށަވަރުކުރުމަކީ މުހިއްމުކަމެއްކަމަށެވެ.

"މިވަގުތު ރާއްޖޭގައިވެސް ތެރަޕީއާއި ކައުންސިލިންގދޭ ތަންތަން މަޑުމަޑުން މިދަނީ އިތުރުވަމުން.. މިތަންތަނަކީ އެފަދަކަމަކަށް އެކަށޭނަ، މާހައުލެއް ޤާއިމުކުރެވިފައިވާ ތަންތަންތޯ ކަށަވަރުކުރަންޖެހޭ،" ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރެވޭނީ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންވެސް ދުޅަހެޔޮވެގެންކަން ފާހަގަކުރައްވާ، އެކަމުގައި މުޖުތަމަޢުގެ އަޅާލުމާއި، ފުރިހަމަ ބައިވެރިވުން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކާ މީޑިއާގެ ޒަރިއްޔާއިންނާއި، ތަޢުލީމީ ދާއިރާއިންވެސް މުހިއްމު މަސައްކަތްތަކެއް ކުރެއްވޭނެކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.