ސިޔާސީ

ފްރާންސްގެ އައު ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި


ފްރާންސުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެރިކް ލެވަޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޞާލިޙް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ފްރާންސް ސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ފްރާންސްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ވޭތުވެ ދިޔަ އަހަރުތަކުގައި ފްރާންސުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފްރާންސްގެ ސަފީރު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ހޯއްދެވި ނަތީޖާއަށް ރައީސްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެނަތީޖާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަން ދެއްވައިގެން ސަރުކާރުގެ ވައުދުތައް ފުއްދަމުން ގެންދިއުމަށް ސަފީރު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން، ފްރާންސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.