ވިޔަފާރި

ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ރާއްޖޭގެ 75 އިންސައްތައަށް


ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ރާއްޖޭގެ 75 އިންސައްތައަށް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިލްކޮށް ދިރާގުން އެކަން ފާހަގަކޮށްފިއެވެ. މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ރާއްޖޭގެ 75 އިންސައްތައަށް ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝިދު ވިދާޅުވީ ރާއްޖޭގެ 58 ރަށަކަށް މިހާރު ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. މި މަސައްކަތުގެ ސަބަބުން މުޅި ރާއްޖެ ޑިޖިޓަލައިޒްވެ އެކި ސިނާޢަތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއްވާނެކަމަށް އިސްމާޢިލް ރަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ހެދުން. އޭގެ ސަބަބުން ބިޒްނެސްތަކަށް ފައިދާވެ އާންމުންގެ އެކި ބޭނުންތައް ހެޔޮ އަގުގައި ހައި ސްޕީޑްގައި ފަސޭހަކަމާއިއެކު ލިބިގެންދާނެ. މީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތަކަށް. ހައި ސްޕިޑުގައި ރަނގަޅު ފެންވަރުގައި މި ޚިދުމަތްދޭއިރު ރާއްޖޭއަށް މީގެ ސަބަބުން އިތުރު ތަރައްޤީ ލިބިގެންދާނެ." އިސްމާއިލް ރަޝިދު ވިދާޅުވިއެވެ.

ރަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ ބޮޑު ހިސާބަކަށް އިންޓަނެޓް ފޯރުކޯށްދީފައިވާއިރު ކުރިއަށްއޮތްތަނުގައި އިންޓަރނެޓްގެ އަގުހެޔޮކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ސަރުކާރާއެކީ އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާކަން ރަޝީދު ފާހގަކުރެއްވިއެވެ.

ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ. އެކަމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. އެނގިވަޑައިގަންނަވާނެ ކޮމިއުނިކޭޝަން ދާއިރާގެ އަގުތަކަކީ އަބަދުވެސް ދަށްވަމުން އަންނަ އަގުތަކެއް. އެހެންކަމުން އަޅުގަނޑު ސަރުކާރަށް ޔަޤީންކަން އަރުވަން މި އަގުތައް ދަށްކުރުމަށް މަސައްކަތްކުރެވިގެންދާނެކަމަށް." އިސްމާއިލް ރަޝިދު ވިދާޅުވިއެވެ.

ރާއްޖޭގެ 75 ޕަސެންޓަށް ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑް ބޭންޑްގެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު ބާކީ ހުރި ރަށްތަކަށް އަވަސް މުސްތަޤްބަލެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގައި ދޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދިރާގުން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބާރަސަތޭކަ ފަންސާސް ތިން ކިލޯމީޓަރުގެ ސަބްމެރިން ކޭބަލެއް އަޅާފައެވެ. މިއީ ރާއްޖޭގެ ރަށްތަކަށް ހައި ސްޕިޑް ބްރޯޑް ބޭންޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މުހިއްމު މަސައްކަތެއްކަން ދިރާގުން ފާހަގަކުރެއެވެ.