ޚަބަރު

ޢަރަބިއްޔާއަށް ބޭނުންވާ ޢަރަބި މުދައްރިސުން ބުދަދުވަހު އަންނާނެ - އެޑިއުކޭޝަން މިނިސްޓަރ


ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މުދައްރިސުންގެ މައްސަލަ ހައްލުވެ، އަންނަ ބުދަދުވަހު ޢަރަބި މުއްދައްރިސުން ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީ ވިދާޅުވީ އަންނަ ބުދަދުވަހު، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޢަރަބިއްޔާ ސްކޫލަށް ހަމަޖެއްސި މުދައްރިސުން މާލެ އަންނަން ފަށާނެކަމަށެވެ. މިކަން ޢަރަބިއްޔާ ސްކޫލްއިންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަރބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އަބްދުއްރަޙީމް ވިދާޅުވީ މުދައްރިސުން އަންނަ ބުދަދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެއަންނަން ފަށާނެކަމަށް އަޒްހަރުޔުނިވަރިސީޓިން އެ ސްކޫލްއަށް އަންގާފައިވާކަމަށެވެ.

އަދި މުދައްރިސުން ހަމަވުމުން އެސްކޫލަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާވިދާޅުވިއެވެ. ޢަރަބިއްޔާ ސްކޫލްގައި މިހާރުވެސް އަޒްހަރު ޔުނިވަރސިޓީގެ 4 މުދައްރިސަކު ކިޔަވައިދެއްވަމުންދެއެވެ. ބާކީ 18 މުދައްރިސުން އަންނަ ބުދަދުވަހު އެ ސްކޫލްއާ ގުޅޭނެއެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު ދިމާވެފައިއޮތް އެންމެބޮޑު އެއްމައްސަލައަކީ ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވުމުގެ މައްސަލައެވެ. މިމައްސަލަ ޙައްލުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި މަސައްކަތަށްފަހު، މުދައްރިސުން ހަމަޖެހިގެން އެ ދަނީ ދެމަސްވާން ކައިރިވެފައިވަނިކޮށެވެ.