ވިޔަފާރި

އެންމެ ބޮޑެތި ބެންކުތައް ހުރީ ޗައިނާގައި!


ދުނިޔޭގެ އިޤްތިޞާދު ކުރިއަރައި، ފުޅާވެގެންދާ ވަރަކަށް ބޮޑެތި ބެންކުތަކުން ދަނީ އެބެންކުތަކުގެ އާމްދަނީއާއި މިލްކިއްޔާތުވެސް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކަށް ބޮޑު ހީނަރުކަމެއް ނާންނަނަމަ ބެންކުތަކަށް އަންނަމުންދާ ކުރިއެރުން ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް މީގައި އެންމެ ބޮޑު ސުވާލަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެ އިޤްތިޞާދުކަމަށްވާ އެމެރިކާއާއި ޗައިނާގެ އިޤްތިޞާދުގެ ތެރެއިން އެންމެ ބޮޑު ކޮން އިޤްތިޞާދެއްތޯ ކުރާ ސުވާލެވެ. އެސުވާލަށް ސީދާ ޖަވާބެއް ނުދެވުނަސް، ދުނިޔޭގެ އެންމެ ބޮޑެތި ބެންކުތައް ހުރީ ކޮން ޤައުމެއްގައިތޯ އަހައިފިނަމަ، އެއީ ޗައިނާކަމަށް މިހާރު ބުނެވިދާނެއެވެ.

ބެންކުތަކުން އާއްމުކުރާ މާލީ ހިސާބުތައް ދިރާސާކޮށް އެންމެ ބޮޑެތި ބެންކުތަކުގެ ލިސްޓު އާއްމުކުރާ އެމެރިކާގެ އެސް އެންޑް ޕީ ގްލޯބަލްއިން އެންމެ ފަހުން އެކުލަވާލި ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ޗައިނާގެ ބެންކުތަކެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު 10 ބެންކުގެ ތެރެއިން ގަދަ 4 ގައި ހިމެނެނީ ޗައިނާގެ ބެންކުތަކެވެ.

ބެންކުގެ މިލްކިއްޔާތުގައި ހުރި މިންވަރަށް ބަލާފައި އެކުލަވާލާ ލިސްޓުގެ އެއްވަނަ ލިބެނީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބެންކް އޮފް ޗައިނާއަށެވެ. އެ ބެންކުގެ މިލްކިއްޔާތު ނުވަތަ އެސެޓުގެ އަގު އުޅެނީ 3.62 ޓްރިލިއަން ޑޮލަރުގައެވެ. ދެވަނަ ލިބެނީ ޗައިނާ ކޮންސްޓްރަކްޝަން ބެންކްއަށެވެ. އެ ބެންކުގެ މިލްކިއްޔާތު ނުވަތަ އެސެޓުގެ އަގު އުޅެނީ 2.94 ޓްރިލިއަން ޑޮލަރުގައެވެ. 3 ވަނަ ލިބެނީ އެގްރިކަލްޗަރަލް ބެންކް އޮފް ޗައިނާއަށެވެ. އެ ބެންކުގެ މިލްކިއްޔާތު ނުވަތަ އެސެޓުގެ އަގު އުޅެނީ 2.82 ޓްރިލިއަން ޑޮލަރުގައެވެ. ލިސްޓުގެ 4 ވަނަ ބެންކް އޮފް ޗައިނާއަށް ލިބޭއިރު، އެ ބެންކުގެ މިލްކިއްޔާތު ނުވަތަ އެސެޓުގެ އަގު 2.63 ޓްރިލިއަން ޑޮލަރަށް އަރައެވެ.

އެންމެ ބޮޑެތި ބެންކުތަކުގެ ލިސްޓުގައި ހިމެނޭ އެހެން ބެންކުތަކަށް ބަލާލާއިރު، އެމެރިކާގެ ދެ ބެންކެއް މި ލިސްޓުގައި ހިމެނެއެވެ. އެއީ ޖޭޕީ މޯގަން އާއި ބެންކް އޮފް އެމެރިކާއެވެ. ދެން ހިމެނެނީ ފްރާންސްގެ ދެ ބެންކެއްކަމަށްވާ ބީއެންޕީއާއި ކްރެޑިޓް އެރިގޯލް ގުރޫޕްއެވެ. މީގެ އިތުރުން ޖަޕާނުގެ މިޓްސުބުޝީ ޔޫއެފްޖީ ގުރޫޕް ބެންކާއި އިނގިރޭސިވިލާތުގެ އެޗްއެސްބީސީ ހޯލްޑިންގްސް ބެންކުވެސް ވަނީ އެންމެ ބޮޑެތި ބެންކުތަކުގެ ލިސްޓުގެ ގަދަ ދިހަޔަކުން ޖާގަ ހޯދާފައެވެ.