ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް 12 ބިލެއްގެ މަސައްކަތާއި މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ސަތޭކައަށް ވުރެ ގިނަ އޯޑިޓް ރިޕޯޓްތައް ފާސް ކުރުމުގެ މައްސަލަ ތާވަލުކޮށްފިއެވެ. މަޖިލީހުގެ މާދާމާ ޝެޑިއުލްގައިވާ ގޮތުން މާދާމާގެ ޖަލްސާގައި 12 ބިލެއްގެ ފުރަތަމަ ކިޔުން އޮންނާނެެވެ.
12 ބިލްގެ އިތުރުން މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ 102 ރިޕޯޓަކާމެދު ގޮތެއް ނިންމުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ. އޭގެތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އޯޑިޓް ރިޕޯޓާއި އިލެކްޝަންސް ކޮމިޝަންގެ އޯޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ އޯޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޯޑިޓް ރިޕޯޓްތައް ހިމެނެއެވެ.
މީގެ އިތުރުން ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލުމާބެހޭ ގޮތުން ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އަހަންވެސް ވަނީ އެޖެންޑާކޮށްފައެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތްވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފައި މިވަނީ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. 18 ވަނަ މަޖިލިސް ނިމުމަކަށް އަންނާނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. އަދި 19ވަނަ މަޖިލިސް ހުވާކުރާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.