ޚަބަރު

ވިސާ ނެތި މިއަދުން ފެށިގެން ތައިލެންޑަށް ދެވޭނެ


ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހަށް ތައިލެންޑަށް އެތެރެވެވޭނެ އިންތިޒާމު ތައިލެންޑް ސަރުކާރުން ހަމަޖައްސައިފިއެވެ. މިއިންތިޒާމު ހަމަޖައްސާފައިވައިމިވަނީ، ދިވެހިންނަށް ލުއިފަސޭހަކޮށް އެކިޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުންނެވެ.

ދިވެހިންނަށް ލުއިފަސޭހަކޮށް އެކިޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ތައިލެންޑާއިއެކު ކުރިއަށްގެންދިއަ މަޝްވަރާތަކާ ގުޅިގެން އެޤައުމުން ދިވެހިންނަށް 30 ދުވަހަށް ވިސާއާއި ނުލައި އެތެރެވެވޭ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ.

މިއަދުން ފެށިގެން މިވިސާ ޕޮލިސީއަށް ތައިލެންޑް ސަރުކާރުން ޢަމަލުކުރަން ފަށާފައިވާއިރު، މިއިންތިޒާމުގެ ހަމަޖެހުނުކަމުގައިވިޔަސް ބޭނުންވާ ލިޔެކިޔުންތަކާއި، މުއްދަތުހަމަވުމަށް މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، ފުރިހަމަކުރެވިފައިވާ އެރައިވަލް ކާޑް އޮންނަންޖެހެއެވެ.

މީގެއިތުރުން، އަލަށް ހަމަޖެއްސި އިންތިޒާމުގެ ދަށުން އެކަށީގެންވާ ޢަދަދަކަށް ޚަރަދުކުރާނެ ފައިސާ ތައިލެންޑަށް ދަތުރުކުރާ ފަރާތުގެ އަތުގައި ހުންނަންވެސް ޖެހެއެވެ. އެގޮތުން އެކަކަށް ނަމަ، 20000 ބާތު ނުވަތަ 630 އެމެރިކާ ޑޮލަރު ހުންނަންޖެހެއެވެ. އަދި ޢާއިލާއެއްނަމަ 40000 ބާތު ނުވަތަ 1261 އެމެރިކާ ޑޮލަރު ހުންނަންޖެހޭނެއެވެ. އަދި މިއާއިއެކު 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަން އަންގައިދޭ ޓިކެޓުވެސް ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ އަތުގައި އޮންނަންޖެހޭނެއެވެ.
އަލަށް ހަމަޖެއްސި އިންތިޒާމުގެ ދަށުން ޤަބޫލުކުރެވޭ އުޒުރަކާހުރެ މުއްދަތު އިތުރުކުމަށް އެދޭނަމަ ތައިލެންޑް އިމިގްރޭޝަނުން އެއްފަހަރުގެ ފުރުސަތެއް ދިނުމުގެ ލުޔެއްދީފައިވެއެވެ. އަދި މިކަމަށް މުއްދަތެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ ތައިލެންޑްގެ އިމިގްރޭޝަނަށެވެ. މިވިސާގައި އެއްގަމުމަގުން ތައިލެންޑަށް އެތެރެވެވޭނީ އަހަރަކު ދެފަހަރުއެވެ.

މި އުސޫލުގެ ދަށުން، ގަވާޢިދާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާވެސްވަނީ ކަނޑައަޅާފައެވެ. މިޖޫރިމަނާ ކަނޑައަޅާފައިވަނީ ޤަވާއިދާޚިލާފަށް އެޤައުމުގައި އުޅޭ ކޮންމެ ދުވަހަކަށް 500 ބާތުގެ މަގުން. އެގޮތުން 20000 ބާތު ނުވަތަ 630 ޑޮލަރާއި ހަމައަށް ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން 90 ދުވަހަށްވުރެ އިތުރުވެއްޖެނަމަ ޖޫރިމަނާގެ އިތުރުން އެޤައުމަށް އެތެރެވުން މަނާކުރެވޭނެ އިންތިޒާމުވެސް މިއުސޫލުގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އޯވަރ ސްޓޭ 90 ދުވަހަށްވުރެ އިތުރުވާނަމަ، ފުރާ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތައް އެތެރެވުން މަނާކުރެވޭއިރު، އޯވަރ ސްޓޭ 1 އަހަރަށްވުރެ އިތުރުވެއްޖެނަމަ ފުރާ ދުވަހުންފެށިގެން 3 އަހަރުގެ މުއްދަތައް އެތެރެވުން މަނާކުރެވެއެވެ.

އަދި އޯވަރ ސްޓޭ 3 އަހަރަށްވުރެ އިތުރުވެއްޖެނަމަ ފުރާ ދުވަހުންފެށިގެން 5 އަހަރުގެ މުއްދަތައް، އޯވަރ ސްޓޭ 5 އަހަރަށްވުރެ އިތުރުވެއްޖެނަމަ ފުރާ ދުވަހުންފެށިގެން 10 އަހަރުގެ މުއްދަތައް އެތެރެވުން މަނާކުރެވޭނެއެވެ.

މީގެއިތުރުން އެއް އަހަރާހަމައަށް އޯވަރ ސްޓޭކޮށްފައިވާކަން އެހެން އިތުރު އިންޓަރނޭޝަނަލް ބޯޑަރ އަކުން ފާހަގަކުރެވިއްޖެނަމަ، 5 އަހަރުގެ މުއްދަތައް ތައިލެންޑަށް އެތެރެވުން މަނާކުރެވެނެއެވެ. އަދި އެއް އަހަރަށްވުރެ ގިނަ ނަމަ 10 އަހަރުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވުން މަނާކުރެވޭނެއެވެ.