ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް މަޝްރޫޢަކަށް އެހީވަނީ


ބީއެމްއެލްއިން ޢިޖުތިމާޢީ ޙަރަކާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"ގެ ދަށުން 5 ޕްރޮޖެކްޓެއް ހިންގުމަށް 250 ހާސް ރުފިޔާގެ އެހީ ދިނުމަށް ނިންމައިފިއެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ޢިޖުތިމާޢީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ހުޅުވާފައިވާ ފަންޑެކެވެ.

މިއަހަރު މިފަންޑުން އެއް މިލިއަން ރުފިޔާގެ އެހީދިނުމަށް ހަމަޖެހިފައިވާއިރު ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެ ފަސް ފަރާތަކަށް ކޮންމެ ކުއާޓަރެއްގައި ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ބީއެމްއެލްއިން ހޮވާފައިވާއިރު، އެފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އދ. ދަނގެތީގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހީ ދިނުމަށް ނިންމާފައިވާ މަޝްރޫޢުތަކަކީ ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމާއި ޅ.ނައިފަރު ބަނދަރު ސަރަޙައްދުގައި ހިޔާވާ ތަނެއް ހެދުމާއި އަދ. ދަނގެއްޗަށް ތިމާވެއްޓާއި ރަށްޓެހި ދަބަސް ފޯރުކޮށްދިނުމާއި މ. ދިއްގަރު ސްކޫލު ސަރަޙައްދު ހިޔާ ކުރުމާއި ދ. މާއެނބޫދޫ ސްކޫލުގައި ލައިބްރަރީއެއް ހަދައިދިނުމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ސަޢީދު ވިދާޅުވީ މި ފަންޑާއިއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ފަހުކޮޅު ހުޅުވާލާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަހަރުގެ ހަތަރު ކުއާޓަރަށް ބަހަލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބީއެމްއެލްއިން 1 މިލިއަން ރުފިޔާ ޚަރަދުކުރާއިރު މި ޕްރޮޖެކްޓްގެ ދަށުން ފަންޑު ލިބޭނީ އިޖުތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ސިއްޚީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އަދި ތިމާވެށީގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.