ސިޔާސީ

ޔުގެންޑާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިޒް ގްރޭސް އަކެލޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ތަޙުނިޔާ ވިދާޅުވެ، ޔުގަންޑާގެ ރައީސަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޔުގަންޑާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޔުގަންޑާގެ ސަފީރު ވަނީ، އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ޔުގަންޑާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.