ޚަބަރު

ކްލަބް މޯލްޑިވްސް ކަޕްގަ ވެމްކޯއަށް އަށް މޮޅެއް

ކްލަބް މޯލްޑިވްސް ކަޕުގައި ވަރުގަދަ މޯލްޑިވިއަންގެ މައްޗަށް ކްލަބް ވެމްކޯ ކުރި ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވިއަން ބަލިކުރީ ހަތަރެއް ތިނެއްގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ކްލަބް ވެމްކޯގެ އަބްދުﷲ ޝާއްފާން ވަނީ ތިން ލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ހަސަން އަދުހަމެވެ.
މޯލްޑިވިއަންއިން މި މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަމްޒާ މުހައްމަދެވެ. އަނެއް ލަނޑު ޖަހައިދިނީ އަބްދުﷲ ވާޒިއެވެ.

މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު ޓްރޭޑް ކްލަބުން ކާމިޔާބުކުރީ މީޑިއާނެޓާއު ވާދަކޮށް ހަތަރެއް ދޭއްގެ ނަތީޖާއަކުންނެވެ. ޓްރޭޑް ކްލަބުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖުމައިލް ޖަމީލް ޖެހިއިރު، އަނެއް ލަނޑު ޖަހައިދިނީ އަލީ ޝަރީފެވެ.
މީޑިއާނެޓުގެ ލަނޑުތައް ޖަހައިދިނީ، މުހައްމަދު ނައީމް އަދި މުހައްމަދު ފާރިޝް އާދަމެވެ. މީގެ އިތުރުން މި މުބާރާތުގައި ރޭވެސް ވަނީ ދެ މެޗެއް ކުޅެފައެވެ.
އެގޮތުން ޓީމް ފެނަކައާއި އެމްއެމްއޭ ސޯޝަލް ކްލަބް ބައްދަލުކުރި މެޗު ނިމުނީ ހަތަރު ލަނޑު ހަތަރު ލަނޑުން އެއްވަރުވެގެންނެވެ. އަދި އެލައިޑް އާއި ޓީމް އެފްއެސްއެމް ބައްދަލުކުރި މެޗު ހަތަރެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމް އެފްއެސްއެމްއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އިތުރުން އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގައި ރޭ ވަނީ ހަތަރު މެޗެއް ކުޅެފައި. އެގޮތުން ކްލަބް އިމިގްރޭޝަނުން ފަހެއް އެކެއްގެ ނަތީޖާއަކުން ފެނަކައިގެ މައްޗަށް ކުރި ހޯދިއިރު، ޓްރޭޑް ކްލަބުން ވަނީ ފެން ކްލަބް ކޮޅަށް 8 ލަނޑު ޖަހާފައެވެ.
އެމްޕީއެލް އާއި ވެމްކޯ ބައްދަލުކުރި މެޗު ހަތަރެއް އެކަކުން ކާމިޔާބުކުރީ އެމްޕީއެލްއެވެ. އަދި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބްގެ ކުރިމަތިލުން ހަތަރެއް ތިނަކުން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ.