ވިޔަފާރި

މިހާތަނަށް 128 ރަށަކަށް ކާޑު އޭޖެންޓުން ހަމަޖެހިއްޖެ

މާލެއެކޭ އެއްއަގެއްގައި ރަށްރަށަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 128 ރަށަކަށް ކާޑު އޭޖެންޓުން ކަނޑައަޅާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯ ފިއުލް ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަންގެ ޖެނަރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ، އޭޖެންޓުން ހޯދުމަށް އެސްޓީއޯއިން ހުޅުވާލި ފުރުސަތުގައި ގިނަ ރަށްތަކަކަށް އޭޖެންޓުން ކަނޑައަޅާފައިވާކަމަށެވެ. މިހާތަނަށް ކާޑު އޭޖެންޓުން ހަމަނުޖެހެނީ 55 ރަށަކަށެވެ. ކާޑު އޭޖެންޓުން ހަމަނުޖެހޭ ރަށްތަކަށް އޭޖެންޓުން ހޯދުމުގެ މަސަކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް އޭޖެންޓުން ނަގައި ސޮއިކޮށް އިމްޕްލިމެންޓްކުރެވިފައިވަނީ 128 ރަށެއްގައި. ބާކީ މިހުރި ރަށްރަށުގައި އަދި އަޅުގަނޑުމެންނަށް މިއުޅެނީ އެސްޓީއޯއާއި ގުޅިގެން މަސައްކަތްކުރާނެ ވިޔަފާރިވެރިން ނުލިބިގެން" ވާހިދް ވިދާޅުވިއެވެ.

އެސްޓީއޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު ކާޑުގެ ބާވަތްތަކުގެ އަގުތަށް ހެޔޮކޮށް، މާލެއެކޭ އެއްއަގެއްގައި ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.

ކާޑުގެ އަގުތަކަށް ގެނައި ހެޔޮ ބަދަލާއިއެކު އެސްޓީއޯއިން މިހާރު ހަނޑޫ ކިލޯއެއް، ވިއްކަމުންދަނީ 4 ރުފިޔާ 80 ލާރިއަށެވެ ހަނޑޫ ބަސްތާއެއް ވިއްކަނީ 240 ރުފިޔާއަށެވެ. ހަކުރު ކިލޯއެއް 4 ރުފިޔާ 82 ލާރިއަށް ވިއްކާއިރު، ހަކުރު ބަސްތާއެއް ވިއްކަމުންދަނީ 241 ރުފިޔާއަށެވެ. އަދި ގޮދަންފުށް ކިލޯއެއް 3 ރުފިޔާ 80 ލާރިއަށް ވިއްކާއިރު، ފުށް ބަސްތާއެއް ވިއްކަމުންދަނީ 190 ރުފިޔާއަށެވެ.

ކާޑު އޭޖެންޓުން މެދުވެރިކޮށް ކާޑު ވިއްކުމަށް ހަމަޖައްސާފައިވާއިރު އޭޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މި އަގުތަކުތަކުގައި ކާޑު ގަންނަން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. ނަމަވެސް ކާޑު އޭޖެންޓުން ކަނޑަނޭޅި ހުރި ރަށްތަކުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައި ކާޑު ވިއްކުމުގެ ހުއްދަ ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށް އެސްޓިއޯއިން ބުނެއެވެ.

އަތޮޅުގެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެނީ، ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިއުމަށް މަޖޫރީންނަށް ދޭންޖެހޭ ފީ އާއި ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކުގެ ނާލަށް ވާ ފައިސާ އެސްޓީއޯއިން ދީގެންނެވެ.
ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް މާލެއެކޭ އެއް އަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ވަޢުދުގެތެރޭގައި ހިމެނޭކަމެކެވެ.