ވިޔަފާރި

މޯލްޑިވިއަންގެ ޓިކެޓު ރިފަންޑް ދުވަހުން ދުވަހަށް ލިބޭގޮތް ހަދަނީ


އައިލެންޑް އޭވިއޭޝަނުން ދެމުންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކޯލް ސެންޓަރުގެ ޙިދުމަތް ދޭ ގަޑިތައް އިތުރުކޮށް، ޓިކެޓު ރީފަންޑު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަނަށް 19 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އެކުންފުނިން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މޯލްޑިވިއަންގެ ކޯލް ސެންޓަރުން ޙިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ރިޒްވީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޓިކެޓު ރީ ފަންޑުވެސް ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި މިބަދަލުތަކަށް މި މަހުގެ 21 ވަނަދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

" މިމަހުގެ އެކާވީހުން ފެށިގެން ކޯލް ސެންޓަރގެ ހިދުމަތް ހެނދުނު އަށަކުން ދަންވަރު ބާރަ ޖެހުމާއި ހަމައަށް ދިނުމަށްވަނީ ނިންމާފައި، ރީ ފަންޑުވެސް ލިބުމުގައި ގިނަ ދުވަސްވާ ކަމަކީ ކަސްޓަމަރުންގެ ވަރަށް ބޮޑު ޝަކުވާއެއް، މިމަހުގެ އެކާވީހުން ފެށިގެން ރީފަންޑުވެސް އެދުވަހުން އެދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނަން،" ރިޒްވީ ވިދާޅުވިއެވެ.

އައިލެންޑު އޭވިއޭޝަންގެ ކޯލް ސެންޓަރގެ ޙިދުމަތް މިހާރު ލިބެނީ ހެނދުނު އަށަކުން ހަވީރު ހަތަރު ގަޑި ތިރީހަށެވެ. އަދި އާއްމުގޮތެއްގައި ޓިކެޓު ރީފަންޑު ލިބުމަށް ފަނަރަވަރަކަށް ދުވަސް ނަގައެވެ. މި ބަދަލާއިއެކު ކަސްޓަމަރުންގެ މެދުގައި ޤައުމީ އެއަރލައިނަށް އޮންނަ އިތުބާރާއި ޔަޤީންކަން އިިތުރުވެގެންދާނޭކަމަށް އެކުންފުނިން ދެކެއެވެ.