ޚަބަރު

ފުލުހުންގެ އަހަރީދުވަސް ފާހަގަކުރުމަށް ނޮޅިވަރަންފަރުގައި ޚާއްޞަ ޙަރަކާތްތަކެއް


ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ ނޮޅިވަރަމްފަރު ޕޮލިސް ޝްޓޭޝަނުން އިސްނަގައިގެން އެރަށުގައި ހާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށު ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިން ހިމެނޭގޮތަށެވެ. އެގޮތުން އަފީފުއްދީން ސްކޫލުގެ 12 އަހަރުން ދަށުގެ ފުޓްސެލް ޓީމަކާއި ހޭންޑްބޯލް ޓީމެއްގެ އިތުރުން މިކުދިންގެ ބެލެނިވެރިންނާއި ސްކޫލްގެ ސީނިއާމެނޭޖްމެންޓާއި ޕީ ޓީ އޭގެ ހިންގާކޮމެޓީގެ މެންބަރުން ބައިވެރިވިއެވެ.

ހދ ނޮޅިވަރަމްފަރު ޕޮލިސްޓޭޝްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތްތަކުގައި ބައިވެރިވުމަށް ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޓީމް އެރަށަށް ދިއުމުން އެރަށު ސްކޫލުން ވަނީ މިޓީމަށް ހޫނުމަރުހަބާއެއް ކިޔާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ވަނީ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާބެހޭގޮތުން މައުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިސެޝަން ނަންގަވައިދެއްވީ ޕޮލިޝް ޝްޓޭޝަން އިންސްޕެކްޓަރ ޢަލީ މުހައްމަދެވެ.

މީގެ އިތުރުން ދެ ސްކޫލުގެ ދަރިވަރުންނާއި ޕީޓީއޭގެ މެންބަރުންގެ މެދުގައި ގުޅުންބަދަހިކޮށް ޚިޔާލު ބަދަލުކުރުންފަދަ ކަންތައްތައްވެސް މި ޙަރަކާތުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.

މި ޙަރަކާތްތައް ނިންމާލުމުގެ ކުރިން އެންމެ ފަހު ޙަރަކާތަކަށް ކުރިއަށްގެންގޮސްފައިވަނީ ދެސްކޫލް ކުދިންގެ ފުޓްސެލް އާއި ހޭންޑް ބޯލް މެޗް ކުޅުމެވެ. އެކުވެރިކަމުގެ މި ދެމެޗްވެސް ކާމިޔާބުކުރީ ނޮޅިވަރަމްފަރުގެ ސްކޫލްގެ ދެޓީމުންނެވެ. މެޗްތަށް ނިމުމުން މިހަރަކާތުގައި އެހީތެރިވި ފަރާތްތަކަށް ހަދާނީ ފިލަޔާއި މޮޅުވި ޓީމަށް ހަނދާނީ ތައްޓެއް ދީފައިވެއެވެ.

ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ވިދާޅުވީ މިފަދަ ޙަރަކާތެއް ކުރިއަށްގެންދިއުމުގެ ބޭނުމަކީ އެކުވެރިކަން ބަދަހި ކުރުމާއި ދަރިވަރުންނަށް އެކުވެރި މާހައުލެއްގައި އިތުރު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިނުން ކަމަށެވެ.