ސިޔާސީ

ޖާނުން ފިދާވުމުގެ ހަމަލާދޭން ރޭވި މީހުން މިނިވަންކުރުމަށް ކުރި އަމުރު ބާޠިލްކޮށްފި


ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ރ.މަޑުއްވަރީ ވިލުދޮޅި އިސްހާޤު ޢަލީއާއި ފުވައްމަލަކު އަލުވިމާގެ ޙުސައިން އަފީފްގެ މައްޗަށެވެ. އެގޮތުން އަފީފުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަދި އިސްހާގުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

2017 ވަނަ އަހަރުގެ އޯގަސްޓު މަހު އެ ދެ މީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން އެ މީހުން ދޫކޮށްލުމަށް އަމުރު ނެރެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ އަމުރު ނެރުނީ ބަންދަށް ލުޔެއް ދިނުމަށް އެ މީހުން ހުށަހެޅުމުންނެވެ.

ޕީޖީން މި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ އެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ތުހުމަތުތަކެއް ކުރެވޭ މީހުން ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފައެވެ. އަދި ޝަރީޢަތް ނިމެންދެން އެމީހުން އަލުން ޖަލަށްލުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތަށް ހުށަހެޅި ރިޕޯޓްގައިވަނީ ބޭރުގެ 3 ޤައުމަކަށް ޓެރަރިޒަމް ފައިނޭންސްކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ފިކުރު ގެންގުޅޭ ކަމަށާއި އެއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުން ކަމަށް ބުނެފައެވެ. އެހެން ކަމުން ޓެރެރިޒަމްގެ ދަޢުވާ އެމީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.