ޚަބަރު

އާޓިފިޝަލް ބީޗުގެ މަސައްކަތް ފެށުން ލަސްވަނީ ސަރުކާރު ބަދަލުވުމާއި ގުޅިގެން - ޕްލޭނިންގ މިނިސްޓްްރީ


މާލޭ އާޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަޝްރޫޢު ނުފެށި ލަސްވަނީ ސަރުކާރު ބަދަލުވުމާއި ގުޅިގެން އަލުން އެޕްރޮޖެކްޓް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާތީކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ އެންމެ ފުރަތަމަ އާޓިފިޝަލް ބީޗުގެ މަސައްކަތް ހުއްޓުނީ ކުރީގެ ސަރުކާރުން ރިންގު ރޯޑު ތަރައްޤީކުރުމަށް ފެށި މަސައްކަތާއެކުގައިކަމަށެވެ. މިމަސައްކަތް ޙަވާލުކޮށްފައިވާ އެމްޓީސީސީން ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ޕްލޭނިންގ މިނިސްޓްރީން އަދި އެކުންފުންޏާ ޙަވާލުކޮށްފައި ނުވާކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި އޮތީ ސަރުކާރު ބަދަލުވުމާއި ގުޅިގެން އެޕްރޮޖެކްޓުގެ މަސައްކަތްތައް ކަމާ ގުޅޭ ދާއިރަތަކުން އަލުން ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ. އަދި އެމަސައްކަތް ނިމުނުހާ އަވަހަކަށް އެމްޓީސީސީއާއި ގުޅިގެން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް ފެށިނަމަވެސް އާޓިފިޝަލް ބީޗު އެއްކޮށް ބަންދުކޮށްގެން މަސައްކަތްކުރުމުގެ ބަދަލުގައި މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށްދާއިރުވެސް އާޓިފިޝަލް ބީޗުގެ ބައެއް ސަރަހައްދުތައް އާންމުންނަށް ބޭނުންކުރެވޭނެ ކަމަށެވެ.

އާޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި އެތަން މިހާރު ވަނީ ހުސްކޮށްފައެވެ.