ދީން

ތިނަދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ފަށަނީ


ގދ. ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒރް ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ތިނަދޫގައި މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.ތިނަދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ޑިޒައިން މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިސްކިތް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމަށް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރަން މަޝްވަރާކޮށްފައިވާ ކަމަށް މުޙައްމަދު ދީދީ ވިދާޅުވިއެވެ.ދީދީ ވިދާޅުވީ، ތިނަދޫގައި މިސްކިތް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ކުރިން މީހުން ވަޅުލާފައިވާތީ، އެތަނުން ގަބުރު ނަގާ ސާފުކުރަންޖެހޭ ކަމަށާއި ބިން ސާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށާއި އެކަމާ ގުޅޭ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.