ސިޔާސީ

އިންތިޚާބު އޮބްޒަރވްކުރަން އައި ކޮމަންވެލްތްގެ ވަފްދު ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި


މަޖިލިސް އިންތިޚާބު މޮނިޓަރ ކުރަން ވަޑައިގެންނެވި ކޮމަންވެލްތުގެ އޮބްޒާވަރުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ވަފްދުގައި އިސްކޮށް ހުންނެވީ ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިންއެވެ. އޭނާއާއެކު އެ ޖަމްޢިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ކްލާރާ ކޯލާއި ކޮމިއުނިކޭޝަން އޮފިސަރު ނޯބަރ އައްބާސީވެސް ހިމެނި ވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތް ޓީމުންވަނީ އިންތިޚާބުގެ ފުރިހަމަ ކަމަށްޓަކައި ތައުރީފުކުރައްވާފައެވެ. އެގޮތުން އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ޕްރޮފެޝަނަލް ކަމާއި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ވަސީލަތްތަކަށް އެ ފަރާތުން ތަޢުރީފްކުރެއްވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރެއްވި ކޮމަންވެލްތް ޓީމުން ވަނީ އެ ފަރާތުގެ ހޯދުންތަކަށް ބިނާކޮށް ޕްރިލިމިނަރީ ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން ނެރުއްވި ބަޔާނުގައި އިންތިހާބުގެ ކަންކަން ކަށަވަރު ކުރުމަށް ރަނގަޅު މާހައުލެއް ޤާއިމުކުރެވިފައިވާކަމާއި، ވޯޓްލީ ދުވަހު ކަންކަން ހިނގާދިޔަ ގޮތް ރަނގަޅުކަން ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށް ވަޑައިގެންނެވި ކޮމަންވެލްތް ޓީމުންވަނީ އީސީގެ މެނޭޖްމަންޓް ސެންޓަރަށާއި ބައެއް ރަށްތަކަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ބައެއް ޖަމްޢިއްޔާތަކުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ.