ޚަބަރު

މަޖިލީހުގައި ފުރަތަމަވެސް ކުރާނީ ސަރުކާރު ބާރުވެރިކުރުމުގެ މަސައްކަތް - ޙަސަން ލަތީފް


ސުޕަރ މެޖޯރިޓީއާއެކު މަޖިލީހަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރައްވާނެ މަސައްކަތަކީ ސަރުކާރު ބާރުވެރިކުރުމުގެ މަސައްކަތްކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ އިންތިޚާބީ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޙަސަން ލަތީފު ވިދާޅުވީ ދިވެހި ތާރީޚުގައިވެސް ސިޔާސީ ޕާޓީއަކަށް ލިބުނު އެންމެ ބޮޑު މެޖޯރިޓީ އެމް.ޑީ.ޕީއަށް މިވަނީ ލިބިފައިކަމަށާ، އެމެޖޯރިޓީއާއެކު މަޖިލީހަށް ވަދެ އެޕާޓީން ފުރަތަމަ ކުރާނީ ކޮންކަމެއްތޯ ބައެއްފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ.

ޙަސަން ލަތީފު ވިދާޅުވީ އެންމެ ފުރަތަމަވެސް މަސައްކަތްކުރާނީ އެޕާޓީން ވައުދުވި ގޮތަށް ވައުދުވި ހުރިހާކަމެއް އެއްފަހަރާ ތަންފީޒުކުރުމަށްކަމަށެވެ. އެހެން ކަމުން އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް މަޖިލިސްތެރެއިން ކުރާނެކަމަކީ ސަރުކާރަށް ބާރުދިނުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެންގިވަޑައިގަންނަވާނެ ސަރުކާރުން އަޅުގަނޑުމެން އެކުލަވާލެވިފައި އެއޮތީ ޖަޒީރާ ރާއްޖެ މެނިފެސްޓޯއެއްގައި ވާކަންކަން ވަޢުދުވެގެން. ދެން އަޅުގަނޑުމެން އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކައަކީ އެޖެންޑާ 19 އެއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ސަރުކާރަށް ޤާނޫނީ ގޮތުން ކޮށްދޭންޖެހޭ މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ލިޔުމެކޭ. އެހެންވީމައި އެޖެންޑާ 19 ގައި އެހުރީ ހަގީގަތުގައި އަޅުގަނޑުމެން ސަރުކާރު ބާރުވެރިކޮށްދިނުމައްޓަކައި ގެންނަންޖެހޭ ޤާނޫނުތަކުގެ އޮނިގަނޑެއް. އެހެންވީމަ އެއޮނިގަނޑު އަޅުގަނޑުމެން އެކުލަވާލަދީ ސަރުކާރަށް ހުރިހާ ބާރެއް ދިނުމަށް އަޅުގަނދުމެން މަސައްކަތް ކުރަމުންގެންދާނަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން" ޙަސަން ލަޠީފް ވިދާޅުވިއެވެ


މީގެ ކުރީން އަވަސް އަރުވާލައިގެން މަޖިލީހުގެ ތެރެއިން ޤަނޫނުތަކެއް ފާސްވެގެންދިއުމާގުޅިގެން ކުރިމަތިވި ކަންކަމަށް ބަލާއިރު އެއްފަހަރާ ޤާނޫނުތަކެއް ގެނައުމުން މައްސަލަތަކެއް ކުރިމަތިނުވާނެތޯ ސުވާލު ދެންނެވުމުން ޙަސަން ލަތީފް ވިދާޅުވީ ޖަޒީރާ ރާއްޖެ މެނިފެސްޓޯ އެކުލަވާލީ ރައްޔިތުންގެ ކިބައިން ވަރަށްގިނަ ކަންތައްތަކެއް އޮޅުން ފިލުވައިގެން ރައްޔިތުން ބޭނުންވެފައިވާކަންކަން އެނގިތިބެކަމަށާ، އެކަމަށްޓަކައި ވަނީ މުހިއްމު ދިރާސާތަކެއްވެސް ކުރެވިފައިކަމަށެވެ. ދެން އޮންނާނީ އެކަންކަމަށް ޤާނޫނީ ބާރު ލިބިދިނުންކަމަށާ މަޖިލީހުގެ ތެރެއިން ޤާނޫނުތައް އެކުލަވާލާއިރު މަޖިލީހުގައި ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތަސް އާންމުންގެ ޚިޔާލާއި ކަމާގުޅުންހުރި ފަރާތްތަކުގެ ބަސްވެސް ހޯއްދަވާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގައި ތިއްބަވާ އިދިކޮޅު ފަރާތްތަކުންވެސް ބިލްތަކަށް ހުށަހަޅުއްވަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް ފުރުސަތު އޮންނާނެކަމަށް ޙަސަން ލަތީފު ވިދާޅުވިއެވެ.

"ގިނަ ދިރާސާތަކެއް ހަޤީގަތުގައި މިވަގުތު ކުރާކަށް ނުޖެހޭވެސްމެ، ދެންއެއޮތީ އެކުރަންޖެހޭ ކަންކަން ޤާނޫނަކަށް ބަދަލުކުރުން ޑްރާފްޓްތަކެއްކުރުން. ދެން މިހެން ދެންނެވިކަމުގައިވީކަނަމަވެސް އަޅުގަނޑުމެން ޕަބްލިކް ކޮމެންޓްސްއަށް، ޕަބްލިކް އޮޕީނިއަންއަށް، އަދި އާންމުންގެ ޚިޔާލަށް އަޅުގަނޑުމެން ހުޅުވާލާނަން. އަދި އެކިއެކި ފަރާތްތަކާއެކީގައި ކުރަންޖެހޭ މަޝަވަރާތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން އެކަންކަން ނުކުރާނެ ވާހަކައެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތް އޮޕޮޒިޝަންއަށް އެބޭފުޅުން ފާޅުކުރަން ބޭނުންވާ ޚިޔާލު ފާޅުކުރުމުގެ ފުރުސަތުވެސް ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ" ޙަސަން ލަޠީފް ވިދާޅުވިއެވެ

ޙަސަން ލަތީފު ވިދާޅުވީ ހުވާކުރަންދެން އެޕާޓީގެ އިންތިޚާބީ މެންބަރުން އަތްއުރާލައިގެން ނުތިބޭނެކަމަށާ، ޕާޓީތެރޭގައި މަޖިލީހަށް ހޮވިވަޑައިގެންފައިވާ ބޭފުޅުން ޝައުގުވެރިވާ ދާއިރާތަކުގެ ކޮމެޓީތައް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށެވެ. މިގޮތުން 5 ދާއިރާއެއްގެ ކޮމިޓީތައް ހަދައި އިންތިޚާބީ މެންބަރުންނާއި ސަރުކާރުގެ ފަރާތްތައްވެސް އެކީގައި ޤާނޫނުތައް އެކުލަވާލުމާއި އެކަމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށެވެ.

އެޖެންޑާ 19 ގެ ނަމުގައި އެމް.ޑީ.ޕީން ހުށައެޅި ކަންކަން ބަލައިގަނެ 87 މެންބަރުން އިންތިޚާބުކުރަން ބޭއްވި މަޖިލިސް އިންތީޚާބުގައި ރައްޔިތުންވަނީ 65 ގޮނޑި އެމްޑީޕީއަށް ހޯދައިދީފައެވެ.