ޚަބަރު

މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހަމަޖައްސައިފި


އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް މިހާރު އައިސް ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސުމުން އައްޑޫ މިފްކޯގެ 2 ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ. އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާންޓުންކަމަށް މުސްތަފާ ވިދާޅުވިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

އައްޑޫގެ މަސްވެރިންގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް އައިސް ނުލިބުމެވެ. ދާދި ފަހުން ފިޝަރީޒް މިނިސްޓަރ ޒަހާ އައްޑޫސިޓީއަށް ކުރެއްވި ޒިޔާރާތުގައިވެސް އައްޑޫގެ މަސްވެރިން ވަނީ އައިސް ނުލިބުމުގެ ޝަކުވާ ކޮށްފައެވެ.

އެހެންކަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައްޑޫގެ މަސްވެރިންނަށް އައިސް ލިބޭނެގޮތް ހެދުމުން އައްޑޫގެ މަސްވެރިންނަށާއި، ދެކުނުގެ މަސްވެރިންނަށްވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.