ޚަބަރު

"އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ" ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވައިފި


ގައިދީންގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަންބަލުން ހުޅުއްވައިދެއްވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވާ މިމައުރަރު މިފަހަރު ބާއްވަނީ މާލެއަތޮޅު މާފުށީ ސްކޫލުގައެވެ.

"ކަމާކެމި - އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ" ގެ ނަމުގައި މާފުށީ ސްކޫލްގައި މިއަދު ހުޅުވި ފެއަރއަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބާއްވާފެއަރއެކެވެ.

މިއަހަރުގެ ފެއަރ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނެވެ. ފެއަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ. މާފުށި ސްކޫލްގައި ކުރިއަށްގެންދާ މިފެއަރގައި 43 ޤައިދީންގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ. އޭގެ ތެރޭގައި ހާހަކަށްވުރެ ގިނަ އައިޓަމްތައް ހިމެނެއެވެ.

މިފެއަރ ބައްލަވާލެއްވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސަވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ މައުރަޒުތަކުގެ ސަބަބުން ޤައިދީންގެ ހުނަރުވެރިކަމާއި ޤާބިލުކަން ފެނިގެންދާކަމަށާ ޤައިދީންނަށް ޚާއްސަކޮށްގެން މިފަދަ އިތުރު ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަކީ މުހިއްމު ކަމެއްކަމަށެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރުގެ ތަޞައްވަރަކީ ކުށްތަކަށް އަރައިގަންނަ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރުމަށްފަހު މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުންކަމަށެވެ. އެގޮތުން އެންމެ މުޙިއްމު އެއްކަމަކީ ޙުކުމް ތަންފީޒުކުރުމަށްފަހު ނުކުންނައިރު ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް ދަސްވެފައި އޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ސަރުކާރުގެ ތަސައްވަރަކީ ޙުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރައި މުޖުތަމައުއަށް ނެރުންކަމަށާ، ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ތަފާތު އެކި ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. މިހާރު ޤައިދީން ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރައަކީ އާދަޔާޚިލާފް ކުޑަ އުޖޫރައަކަށްވުމުން އެފަރާތްތަކުން ކުރާ މަސައްކަތައް އެކަށީގެންވާ އުޖޫރައެއް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެކަމަށް ހޯމްމިނިސްޓަރު ވިދާޅުވިއެވެ.

"ކުރިއަށްއޮތް ތަނުގައި އެކަން އަލުން ދިރާސާކޮށް އެފަރާތްތަކަށް ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ލިބޭނެމަގު ތަނަވަސްކުރާނަން. ﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތް ތަނުގައި މިމަސައްކަތްއިތުރަށް ފުޅާކުރެވި ޖަލުތަކުން އެނބުރި މުޖުތަމައުއަށް ނިކުންނަ މީހުންނަކީ އަލުން އަނބުރާ ދިރިއުޅުމެއް ފެށުމަށް ފައްކާވެފައިވާ ބަޔަކަށް ވެގެންދާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މި ފެއަރގައި ބައިވެރި ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. އެގޮތުން ތަފާތު ކުރެހުންތަކާއި، އެކިވައްތަރުގެ ބަގީޗާގަސްތައްވެސް ފެއަރގައި ވަނީ ބައިވެރިކޮށްފައެވެ. ޤައިދީން ޖަލުގައި ހޭދަކުރަމުންދާ މުއްދަތުގައި އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީނުވެސް އެފަރާތްތަކަށް އަންނަނީ ދެމުންނެވެ. 2010ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިފެއަރ މިހާތަނަށް 8 އަހަރު ބާއްވާފައިވައިރު މިފަހަރުގެ ފެއަރ މާފުށި ސްކޫލްގައި ކުރިއަށްގެންދާނީ މާދަމާރޭ އެގާރަ ޖެހުމާ ހަމައަށެވެ.