ސިޔާސީ

ކާނަލް ނާޒިމް އަދި ކުރީގެ އެމްޕީ ނާޒިމަށް ޖަލުގަ ހާއްސަގޮތްތަކެއް


ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، މަކަރާއި ހީލަތް ހެދުމުގެ ކުއް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ވީއައިޕީ ކެޓަގަރީއަށް ފެތޭނަމަ، އެފަރާތްތަކަށް ދޭންޖެހޭ އިއްޒަތާ ޤަދަރު ހޯމް މިނިސްޓްރީން ދޭނެކަމަށް، އެމިނިސްޓްރީން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ފުރުއްވާފައިވާ މަޤާމުގެ ގޮތުން ވަކި ޚާއްސަ ކެޓަޖަރީއަކަށް ފެތޭ ފަރާތްތައް ޖަލުގައި ކެޓަޖަރައިޒް ކުރާ ކަމަށާއި، ޖަލުގައިވެސް އެފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޤަދަރު ދެވޭނެކަމަށެވެ.ތަޒްމީލް ވިދާޅުވީ އަހްމަދު ނާޒިމާއި، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ޖަލުގައި ޚާއްސަ އުސޫލަކުން ކަން ކުރުމާމެދު އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ.އެހެންނަމެވެސް އަހްމަދު ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅަކަށްވެފައި، މުހައްމަދު ނާޒިމަކީ ދައުލަތުގެ ވަޒީރުކަމާއި، އެމް.އެން.ޑީ.އެފްގެ އިސް މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅަކަށް ވުމާއެކު އެފަރާތަކަށް ޚާއްސަ ޤަދަރަކާއި ރައްކާތެރިކަމެއް ޖަލުގައި ދިނުމަށް ނިންމުން ވަރަށް ގާތްކަމަށެވެ. އަދި މިކަން ނިންމާނީ ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ހޯމް މިނިސްޓްރީންކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާ ގުޅިގެން، ނަޝީދަށް ޖަލުގައި ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޚާއްސަ ޕްރިޒަން އެޕާޓްމެންޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހޯމް މިނިސްޓަރ ކުރިންވަނީ ވިދާޅުވެފައެވެ. ތަޒްމީލް ވިދާޅުވީ މިމަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި، މާދުރުނޫން މުސްތަޤްބަލެއްގައި ރައީސް ނަޝީދު މާފުށީ ޖަލަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި ރައީސް ނަޝީދު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުންނެވިއިރު، މިހާރުވެސް އެންމެ މަތީފެންވަރުގެ ޚިދުމަތްތަށް އެމަނިކުފާނަށް ދެވެމުންދާކަމަށް ތަޒްމީލް ވިދާޅުވިއެވެ.