ޚަބަރު

އަމީނިއްޔާގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށްތަކައި ފެއަރއެއް ފަށައިފި


އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށްޓަކައި އެސްކޫލްގެ ކުރީގެ ދަރިވަރުން އިސްނަގައިގެން ޚާއްސަ ފެއަރއެއް ފަށައިފިއެވެ.

މިފެއަރއަކީ އެސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށްޓަކައި ބާއްވާ އެކި ޙަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޙަރަކާތެވެ. މިފެއަރ ފައްޓަވައިދެއްވީ އަމީނިއްޔާ ސްކޫލަށް ގިނަ އަހަރުތަކެއްވަންދެއް ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމަށްވާ ރަޝީދާ މުހައްމަދު ދީދީއެވެ.

ޖުމުލަ ސަތޭކަ ދިހަ ސްޓޯލާއެކު ކުރިއަށްގެންދާ މިފެއަރގައި ކާބޯތަކެއްޗާއި، ފަންނުވެރިން އުފައްދާފައިވާ ތަފާތު މުދަލާއި، އަންނައުނު ފަދަތަކެތި ލިބެންހުރެއެވެ. މި ފެއަރގައި އަމީނިއްޔާގެ ކުރީގެ ދަރިވަރުންނާއި އެހެނިހެން ބައެއް ފަރާތްތަކުގެ ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ.
ފެއަރ ކުރިއަށް ދަނީ މިއަދު ހަވީރު 4އިން ރޭގަނޑު 11:30އަށް. ފެއަރގެ ސްޓޯލްތައް އަމީނއްޔާގެ ގޯތިތެރެއާއި ލިލީމަގުގައި ވަނީ ބަހައްޓާފައެވެ.

މި ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސްޕަލް ނާޒްލީން ވާފިރު ވިދާޅުވީ މި ފެއަރގެ ތެރެއިން އަމީނިއްޔާ ސްކޫލްގައި ކުރިން ކިޔެވިދަރިވަރުންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާނެކަމަށެވެ. އަދި މިފެއަރގެ މައިގަނޑު ބޭނުމަކީ އެމީހުންގެ ހުނަރުތައް ދައްކާލުމާއެކު އިހުގެ ދަރިވަރުން އެއްތަނަކުން ބައްދަލުކޮށްލުންކަމަށެވެ.

އަމީނިއްޔާ ސްކޫލަށް 75އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށްޓަކައި ބޭއްވި މިފެއަރގައި އެޑިއުކޭޝަން މިނިސްޓަރާއި، ހެރިޓޭޖް މިނިސްޓަރާއި، ޖެންޑަރ މިނިސްޓަރާއި ހައުސިން މިނިސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މިފެއާރގައި ބައެއް އިއްޒަތްތެރިންނާއި އެ ސްކޫލްގެ އިހުގެ ދަރިވަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަމީނިއްޔާ ސްކޫލްގެ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިމަހުގެ ތެރޭގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ. އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަހަރުގެ ނޮވެމްބަރު 28 ގައި އެ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.