ތަރައްްޤީ

މެދުރާސްތާ ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫޢުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


2020 އިން 2022 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ސަރުކާރު އޮފީސްތަކުން ހިމަނަން ބޭނުންވާ ނިއު ޕޮލިސީ އިނިޝިއޭޓިވްތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރެފައިވާ ބަޖެޓާބެހޭ ސަރކިއުލަރއެއްގައި ވިދާޅުވެފައިވަނީ 2020 އިން 2022 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މި ބަޖެޓުގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ނުވަތަ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މެދުރާސްތާ ބަޖެޓުގައި ރިކަރަންޓް ޕްރޮގްރާމްތަކުގެ ގޮތުގައި ރިކަރަންޓް ޚަރަދު މިހާރު ހިނގާ މިންވަރަށްވުރެ ނުވަތަ ބޭސްލައިން ބަޖެޓަށްވުރެ އިތުރަށް ބޭނުންވެދާނެ ހަރަކާތްތަކާއި، މިއަހަރުގެ ބަޖެޓުގައި ހިމެނިފައިނުވާ، އަލަށް ފެށުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި، މިހާރު ހިނގަމުންދާ ޕްރޮގްރާމެއް އިތުރަށް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާ ޕްރޮގްރާމްތައް ހުށަހެޅިދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ގޮތުގައި އަލަށް ފެށުމަށް ހުށަހަޅާ މަޝްރޫޢުތަކާއި، އަހަރު ނިމޭއިރު ކުރިއަށްދާނެކަމަށް ބެލެވޭ މަޝްރޫޢުތައް ފިޔަވައި ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫޢުތަކާއި މިއަހަރަށް ފާސްކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ނިޔަލަށް ފެށޭނެކަމަށް ލަފާނުކުރެވޭ އަދި 2020 ގެ ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫޢުތައް ހުށަހެޅޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން މި މަޝްރޫއުތައް، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގައިވާ ކަންތައްތަކާއި ލަނޑުދަނޑިތަކާ އެއްގޮތްކުރުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގައި ހިމަނައި، 2020 އިން ފެށިގެން ފެއްޓުމަށް ގަސްތުކޮށްފައިވާ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ނިއު ޕޮލިސީ އިނިޝިއޭޓިވްސް ފޯމުތަކުގެ ޒަރީއާއިން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކަށް އަންގަވާފައެވެ.