މުނިފޫހިފިލުވުން

"އެވެންޖަރސް އެންޑް ގޭމް" މިއީ އެވެންޖަރސް ސީރީޒްގެ ޙަޤީޤީ ނިމުންބާ؟


މާވެލްގެ ނަން އެންމެ ފުރަތަމަ ބެލުންތެރިންނާއި ހިސާބަށް އައީ 1939ވަނަ އަހަރު "ޓައިމްލީ ކޮމިކްސް"ގެ ނަމުގައި ނެރުނު ވާހަކަ ފޮތަކުންނެވެ. އެއަށްފަހު 1961ވަނަ އަހަރު "ފެންޓާސްޓިކް ފޯ"ގެ ނަމުގައި ކޮމިކް ފޮތެއް ނެރުނުއިރު މި ކޮމިކް ވެގެންދިޔައީ ޢާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ފޮތަކަށެވެ.

އެއަށްފަހު ދެން ފެށުނީ ކޮމިކްސްގެ ރަން ޒަމާނެވެ. ޚިޔާލީ ވާހަކަތަކާއި ސައިންސް ފިކްޝަންއަށް ބިނާކޮށް ތަފާތު ކޮމިކްސްތައް ނެރެމުންދިޔައރު މިއީ ހުރިހާ އުމުރުފުރައެއްގެ މެދުގައިވެސް މަޤްބޫލުވެގެންދިޔަ ފޮތްތަކެކެވެ. މި ފޮތްތައް ޗާޕްވެ، ތަޢާރަފްވެގެންދިއުމާއެކު ކުޑަކުދިންގެ މެދުގައި ސުޕަރހީރޯއިންގެ ޝަޢުޤުއުފެދިގެންދިޔައެވެ.

"ކެޕްޓަން އެމެރިކާ" "ހަލްކް" "ތޯރ" "އަޔަން މޭން" "ޑެޑް ޕޫލް" އެވެންޖަރސް" "ބްލެކް ޕޭންތަރ" "ވެނޮމް" "ވާ ލޮކް" "ޑެއަރ ޑެވިލް" އަދި "ވުލްވެރީން" ފަދަ ކޮމިކްތަކަކީ މިއަދާހަމައަށް ވެސް ބެލުންތެރިންގެ މެދުގައި މަޤްބޫލު ކޮމިކްތަކެކެވެ.

އެހެންނަމަވެސް މި ކޮމިކްތަކަށް ކުލަޖެހި، ޓީވީން މަންޒަރުގެ ގޮތުގައި ފެންނަން ފެށީ 2008 ވަނަ އަހަރުއެވެ. މާވެލް ކޮމިކްތަކުގެ ތެރެއިން އެންމެ ފުރަތަމަ ނެރުނު ފިލްމަކީ "އަޔަން މޭން" މި ފިލްމެވެ. މިގޮތަށް އެކި އަހަރުތަކުގެ މަތިން މާވެލް ކޮމިކްސްގައި ހިމެނޭ މަޝްހޫރު ކެރެކްޓަރުންގެ މައްޗަށް ފިލްމު ހަދަމުންދިޔަ ނަމަވެސް ގިނަ ކެރެކްޓަރުން ހިމެނޭ ގޮތަށް އެއް ފިލްމެއްގެ ގޮތުގައި ފިލްމު ނެރެން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އެއީ "އެވެންޖާރސް" ގެ ނަމުގައެވެ.

"އެވެންޖާރސް" ގެ ފުރަތަމަ ފިލްމަކީ "ކެޕްޓަން އެމެރިކާ- ދަ ފަސްޓް އެވެންޖަރ" މި ފިލްމެވެ. އެއަށްފަހު "އެވެންޖާރސް ދަ ސިވިލް ވާރ" "އެވެންޖާރސް ދަ އޭޖް އޮފް އަލްޓްރޮން" ފަދަ ގިނަ ފިލްމް ޢާންމުންނާ ހަމައަށް ގެނެސްދީފައިވާއިރު މިއަހަރު ނުކުންނަން ހަމަޖެހިފައިވާ "އެވެންޖާރސް- ދަ އެންޑް ގޭމް" އަކީ މި ސީރިސްގެ އެންމެ ފަހު ބައިކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ފިލްމްގެ ޑިރެކްޓަރުންކަމަށްވާ އެންތޮނީ ރުސޯ އަދި ޖޯއި ރުސޯ މިކަން ކަށަވަރުކޮށްދީފައިވާއިރު މި ފިލްމު ވެގެންދާނީ ބެލުންތެރިން ބަލަން ކެތްމަދުވެފައިވާ ފިލްމަކަށްކަމަށް އެމީހުން ބުނެއެވެ. މާވެލްގެ ގިނަ ޚިޔާލީ ކެރެކްޓަރުން ހިމެނޭ މި ފިލްމަކީ 2018ވަނަ އަހަރު ނުކުތް "އެވެންޖާސް- އިންފިނިޓީ ވާރ" މި ފިލްމާއި ވިދިގެން ދެން އަންނަ ބައެވެ.

އެވެންޖާރސް ސިރިސް ނިމުމަކާއި ހަމައަކަށްއައި ޚަބަރު އިވުމުން ގިނަ ބަޔަކު މާޔޫސްވެފައިތިބި ނަމަވެސް މި ފާއިތުވެދިޔަ ތާރީޚު ނުދެކޭވަރުގެ މޮޅު ފިލްމަކަށް މިފިލްމު ވެގެންދާނެކަމަށް ފިލްމު އުފެއްދި ފަރާތުން ބުނެއެވެ. މި ފިލްމުގެ ފުރަތަމަ ޝޯއަށް ޓިކްޓްތައް ގަތުމަށް ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު މިމަހުގެ 2ވަނަ ދުވަހު ޓިކެޓެއް 500 ޑޮލަރަށް ވިކުނުކަމަށް ރިޕޯޓުތައް ދައްކައެވެ.

މާވެލްގެ އެވެންޖަރ ސިރީޒްގެ އެންމެ ފަހު ފިލްމް، "އިންފިނިޓީ ވާ" އަށް 2.04 ބިލިއަން ޑޮލަރު ލިބިފައިވާއިރު މިހާރު ރިލީސްކުރަން ހަމަޖެހިފައިވާ ފިލްމް "އެވެންޖާރސް- އެންޑް ގޭމް"އަށް މީގެ ދެގުނަ ލިބިގެންދާނެކަމަށް ގިނަ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

މިހާތަނަށް ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު ފިލްމަކަށް ހޮވިފައިވަނީ 2.06 ބިލިއަން ރުފިޔާއާއެކު "ސްޓާރ ވާސް" ފިލްމެވެ. ނަމަވެސް އެވެންޖާސްގެ މި ފިލްމް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ލަފާކުރެވެއެވެ.

"އެވެންޖާރސް- ދަ އެންޑް ގޭމް" ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ގިނަ ތިއޭޓަރތަކުން ތައްޔާރީވަމުން އަންނައިރު މިފިލްމަށް ބެލުންތެރިން އިތުރަށް ޝައުޤުވެރިކުރުވުމަށްޓަކައި ގިނަ ތިއޭޓާސްތަކުންދަނީ އެވެންޖާރސް ސިރީޒްގެ ހުރިހާ ފިލްމުތަކެއް އެޅުވުމަށްވެސް ތައްޔާރުވެފައެވެ.

"އެވެންޖާސް- ދަ އެންޑް ގޭމްގެ ޓްރެއިލަރ ރިލީސްކޮށްފައިވާއިރު، މިފިލްމުގައި ކްރިސް އީވާންސް، ރޮބާޓް ޑައުނީ ޖޭއާރ، ބްރީ ލާރސަން، ސްކާރލެޓް ޖޯންސަން، ކްރިސް ހެމްސްވޯތް، މާކް ރަފޭލޯ، ޓޮމް ހޮލެންޑް، ކްރިސް ޕްރެޓް، ބެނެޑިކްޓް ކަމްބާބެޗް ޕައުލް ރޮޑްގެ އިތުރުން އިންފިނިޓީ ވާރ ގައި ހަރަކާތްތެރިވި ގިނަ ފަންނާނުން ފެނިގެންދާނެއެވެ.