ސިއްހަތު

3 ޤައުމަކުން ދިވެހިންނަށް ފަސޭހައިން އާސަންދައިގެ ޚިދުމަތް ލިބޭނެ ސްކީމެއް ތަޢާރަފުކޮށްފި


ސްރީލަންކާއާއި އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށް "މެރަނާ"ގެ ނަމުގައި އާސަންދައިން ޚާއްސަ ސްކީމެއް ތަޢާރަފުކޮށްފިއެވެ.

މި ސްކީމްގެ ދަށުން މިޤައުމުތަކުގައި ދިރިއުޅޭތާ 6 މަސްވެފައިވާ ކޮންމެ މީހަކަށް ރަޖިސްޓަރ ވެގެން މިޚިދުމަތް ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި މި ސްކީމުގެ ދަށުން ކޮންމެ މީހަކަށްވެސް އަހަރަކު ސަތޭކަ ފަންސާސްހާސް ރުފިޔާ ހަމަޖެހޭނެކަމަށް އާސަންދައިން ބުނެއެވެ.

މިސްކީމްގެ ދަށުން އާސަންދައިގެ ޚިދުމަތް މިހާރު ދެމުން އަންނަ ހުރިހާ ހޮސްޕިޓަލަކުންވެސް ލިބޭނެކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިގެ ޚިދުމަތް މިހާރު މެލޭޝިއާގައި ލިބެން ނެތް ނަމަވެސް މި ސްކީމާއެކު އެ ޤައުމުންވެސް އާސަންދައިގެ ޚިދުމަތް ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ. އަދި އިންޑިއާއާއި ސްރީލަންކާގައި މިހާރުވެސް އާސަންދައިގެ ޚިދުމަތް ލިބޭ ހޮސްޕިޓަލްތަކުން މި ސްކީމްގެ ޚިދުމަތް ލިބޭނެ ކަމަށް އާސަންދައިން ބުނެއެވެ.