ޚަބަރު

މަންޓާ އެއަރގެ ދަތުރުތައް ދަރަވަންދޫއަށް ފަށައިފި


ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަން ފެށި 3 ވަނަ ޑޮމެސްޓިކް އެއާލައިން މަންޓާ އެއާގެ ދަތުރުތައް ބ. އަތޮޅު ދަރަވަންދު އަށް މިއަދު ފަށައިފިއެވެ.

މަންޓާ އެއަރގެ ފްލައިޓް ދަރަވަންދޫއަށް މިއަދު ޖައްސާފައިވަނީ މެންދުރު 12:08 ގައެވެ މަންޓާ އެއަރގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ، ބ.އަތޮޅަށް ދަތުރު ކުރަންފެށުމަކީ އެ އެއަރލައިނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހްރެއްކަމަށެވެ.

ބ.އަތޮޅަކީ ފަތުރުވެރިކަން ކުރިއަރާފައިވާ އަތޮޅެއްކަމުން މި ދަތުރުތަކުގެ ސަބަބުން ރިސޯޓްތަކަށާއި އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނޭކަމަށް މައުމޫން ވިދާޅުވިއެވެ. ދަރަވަންދޫ އަކީ ރާއްޖޭގައި އެންމެ ގިނަ ދަތުރުތައް ކުރާ އެއް އެއާޕޯޓު ކަމަށްވާއިރު ދަރަވަންދު އަށް ދާން މިހާރަށް ވުރެ ރަނގަޅު ދަތުރުގެ ތަޖުރިބާއެއް މަންޓާ އެއާއިން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަކަށް ދެ ފެއަރ އަކަށް ވަނީ ދަތުރުތައް ބަހާލާފައެވެ. މި ފެއާތަކުގެ އަގުތައް ހުރިގޮތަށް ބަލާނަމަ، ސުޕަ ސޭވާ ފެއާގެ އަގެއްގޮތުގައި ކަނޑައަޅާފައިވަނީ 549 ރުފިޔާއެވެ. ސޭވާ ގެ ޓިކެޓްގެ އަގަކީ 599 ރުފިޔާއެވެ. މި ދެ ފެއާގައިވެސް ކުޑަކުއްޖަކަށްނަމަ ނަގާނީ 249 ރުފިޔާއެވެ.

މަންޓާއެއަރ އިން ވަނީ މި ހަފްތާގެ ކޮންމެ ދުވަހަކު ދެ ފްލައިޓް ދަރަވަންދޫއަށް ބޭއްވުމަށް ނިންމާފައެވެ. މަންޓާއެއަރއިން ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދަރަވަންދޫއަށް އިތުރު ފްލައިޓެއްވެސް ބޭއްވުމަށް ނިންމާފައެވެ. މައުމޫން ވިދާޅުވީ، ދަރަވަންދޫއަށް ހަފްތާއަކު ހަތަރު ފްލައިޓް ބޭއްވުމަކީ މަންޓާ އެއަރގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ.

މަންޓާ އެއާލައިނުގެ އޮޕަރޭޝަންތަކުގައި އެކުންފުނިން ބޭނުން ކުރަމުން އަންނަނީ، ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ތިން މަތިންދާބޯޓެވެ. މަންޓާ އެއާގެ ދަތުރުތައް ފަށާފައިވަނީ، މިދިޔަ ފެބްރުއަރީ މަހު އެވެ. މަންޓާ އެއަރލައިނުން އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ، ދ އަތޮޅު ކުޑަހުވަދޫއަށެވެ.