ޚަބަރު

އޭވީސީ ބީޗްވޮލީބޯލް ޓުއާއިން ރާއްޖެއަށް ފައިދާކުރާނެ - ލަތީފް



އޭވީސީ ބީޗް ވޮލީބޯޅަ ޓުއާ މިދުވަސްކޮޅާއި އަމާޒުވުމަކީ ރާއްޖެއަށް، އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އޭވީސީ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމު ތައިލޭންޑައް ފުރުމުގެ ކުރިން، ޓީމަށް ހިތްވަރުދެއްވަމުން ލަތީފް ވިދާޅުވީ، ރާއްޖޭގެ ބީޗްވޮލީ ޓީމު މިހާރުވެސް އަންނަނީ އައިއޯއައިޖީއަށް ވަރުގަދަ އަމާޒެއް ހިފައިގެން ފޯރިއާއިއެކު ފަރިތަކުރަމުން ކަމަށާއި، އެހެންކަމުން މިދުވަސްކޮޅާއި އޭވީސީ ޓުއާ ދިމާވުމަކީ، ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދަން ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

އަދި މުޅިން އަލަށް މިއަހަރުގެ އައިއޯއައިޖީގައި ބީޗްވޮލީ ހިމެނި ނަމަވެސް، މެޑަލްއަކަށް އަމާޒުހިފައިގެން ދިވެހި ޓީމު މަސައްކަތް ކުރަމުން ދާއިރު، އޭވީސީ ޓުއާގެ ސަބަބުން ރާއްޖެއަށް، އައިއޯއައިޖީގައި އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، އޭވީސީ ޓުއާގައި، ރާއްޖެއަށް ކޮލިފައިން ކުޅެން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި، އޭގެ ސަބަބުންވެސް ވަރުގަދަ ޓީމު ތަކަކާއި ދެކޮޅަށް ވާދަކޮށްލަން ލިބޭ މެޗުތަށް ގިނަވާނެ ކަމަށެވެ.

" އޭވީސީ ޓުއާ މިދުވަސްކޮޅަށް އަމާޒުވުމަކީ ހަގީގަތުގައި ރާއްޖެއަށް ފައިދާކުރާނެ ކަމެއް. އެއީ މުޅިން އަލަށް އައިއޯއައިޖީގައި ބީޗްވޮލީ ހިމަނާފައި އޮތްއިރު އަޅުގަނޑުމެންގެ އަމާޒަކީ އެމުބާރާތުން މެޑަލްއެއް ހާސިލްކުރުން، އެހެންވީމަ އޭވީސީ ޓުއާގައި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެލަން ލިބުމަކީ އައިއޯއައިޖީއަށް ކުރިމަތިލާއިރު އޭގެން ފައިދާ ކުރާނެ ކަމެއް." ލަތީބެ ވިދާޅުވިއެވެ.

ލަތީފް ވަނީ ވޮލީބޯޅައިގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

އޭވީސީ ބީޗްވޮލީބޯލް ޓުއާ އަކީ ރާއްޖެއިން ކޮންމެ އަހަރަކުވެސް ވާދަކުރަމުން އަންނަ ޓުއާއެކެވެ. ނަމަވެސް މިމުބާރާތުގައި ރޭންކިން ޕޮއިންޓް ދެނީ ސީދާ ކުޅުންތެރިންނަށެވެ. އެހެންކަމުން ރާއްޖެއަށް މިފަހަރުވެސް ޓުއާގެ ކޮލިފައިން ބުރުގައި ކުޅެން ޖެހޭނެއެވެ.