ސިޔާސީ

މަޖިލިސް އިންތިޚާބު 2019: ބައެއް އުސް އަލިތައް


ހޮނިހިރު ދުވަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ހޯދި އާދަޔާ ޚިލާފު ބޮޑު ކާމިޔާބީގެ ވާހަކަ ދައްކާ އަދިވެސް ނިންމާލެވޭކަށް ނެތެވެ. މިކަމުގައި އެތައް ސަބަބުތަކެއް އެބަހުއްޓެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތާރީޚުގެ ތެރެއިން ޖާގަ ހޯދި އެތައް ސަބަބުތަކެއްގެ ވާހަކަ އެތައް ގޮތަކަށް ދެއްކެން އެބައޮތެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކުން އެންމެ ގިނަގޮނޑި ކާމިޔާބު ކުރުމާއި، އެއް އާއިލާއެއްގެ އެތައް ބަޔަކު އިންތިޚާބުގައި ވާދަކުރުމާއި، ކުރީގެ އިންތިޚާބުތަކުން ފެއިލްވި އެތައް މެންބަރުންނެއް އަނެއްކާވެސް އިންތިޚާބު ކާމިޔާބުކޮށްފައިވުމާއި، 18ވަނަ މަޖިލީހުގައި އެންމެ ނުފޫޒް ގަދަ ސިޔާސީ ޝަޙުސިއްޔަތުތައް ބޮޑު ލަދަކާއެކު ނާކާމިޔާބުވުންފަދަ އެތައް ސަބަބުތަކެއް އެބަހުއްޓެވެ.

އެންމެ ދުވަސްވީ މެންބަރަށް ނާކާމިޔާބު

މިމަހުގެ ނިޔަލަށް ދައުރު ހަމަވާ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 85 މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެންބަރުންނަސް މިފަހަރުގެ އިންތިޚާބުން ވަނީ ނާކާމިޔާބީއާ ކުލިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ގޮޑި ދިފާޢުކުރުމަށް ނުކުތް މެންބަރުންގެ ތެރޭގައި މަޖިލީހުގައި އެތައް ދައުރެއް ހޭދަކޮށް ދިގު މާޒީއެއް މަޖިލީހުގައި އޮތް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. 18ވަނަ މަޖިލީހުގައި އިންނަވާ ގޮނޑި ދިފާޢުކުރެއްވުމަށް ނުކުމެވަޑައިގެންނެވި އެންމެ ދުވަސްވީ އެއް މެންބަރަކީ ކަނޑިތިމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިނެވެ.

މުޙައްމަދު ޙުސައިން މަޖިލީހުގައި ޚިދުމަތްކުރައްވަން ފެށްޓެވީ 24 ފެބުރުއަރީ 1990ވަނަ އަހަރުއެވެ. 29 އަހަރު މަޖިލީހުގައި ޚިދުމަތްކުރައްވާފައިވާ މުޙައްމަދު ޙުސައިން މަޖިލީހުގެ ރިޔާސަތުވެސް ބަލަހައްޓަވައެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިޚާބުގައިވެސް ހަވަނަ ދައުރަށް ގޮނޑި ދިފާޢުކުރައްވަން ނިކުމެ ވަޑައިގެން ވަނީ އެމްޑީޕީގެ ފަރާތުން މުޅިން އަލަށް ވާދަކުރެއްވި ޢަބްދުﷲ ޝަހީމާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

ނުފޫޒުގަދަ ޝަހުސިއްޔަތުތަކަށް ނާކާމިޔާބު

18ވަނަ މަޖިލީހުގައި އެންމެ އަޑުގަދަ އެންމެ ނުފޫޒުގަދަ އެއް މެންރަކީ ފޮނަދޫ ދާއިރާގެ މެންބަރު އަދި އަލަށް އުފެއްދި ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރިމަތިވެވަޑައިގެންނެވި އެތައް ގޮންޖެހުންތަކަކާއި ސިދާ ގޮތެއްގައި ކުރިމަތިލައްވާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ އަޑު ހަރުކޮށް ސަރުކާރުގެ ދިފާޢުގައި ވާހަކަފުޅުދެއްކެވި މެންބަރަކީވެސް ޢަބްދުއްރަހީމް ޢަބްދުﷲއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެތައް މެންބަރުންނެއް ޕީޕީއެމް ދޫކުރަށްވާ ފެޔަށް ޖެހިވަޑައިގަތުމުންވެސް މަޖިލީހުގެ ތެރެއިން މަސީހު ދިފަޢުކުރައްވާ ސަރުކާރުގެ ޙިމާޔަތުގައި ވަކާލަތުކުރެއްވި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީވެސް ޢަބްދުއްރަޙީމެވެ.

އެހެނަނަމަވެސް ޢަބްދުއްރަޙީމަށް މިފަހަރު މިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މޫސާ ސިރާޖާ ވާދަކުރައްވައި ހަނިގޮތަކަށްނަމަވެސް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އަލަށް ހޮވުނު މަޖިލީހުގެ ތެރެއިން ތަޅުމުން ދެން ޢަބްދުއްރަޙީމްގެ "ގަދައަޑު" އިވިގެނެއް ނުދާނެއެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިޙާން ޙުސައިން މަނިކު 19ވަނަ މަޖިލީހުގައި ގޮނޑި ދިފާއުކުރައްވަން ނިކުމެ ވަޑައިގަތީ އަމިއްލަފުޅު ރަށް ތިނަދޫ ދެކުނު ދާއިރާއަށެވެ. ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން 2014ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ހޯދި ސުޕަ މެޖޯރިޓީއާއެކު އެންމެ ބޮޑު ޕާލިމަންޓްރީ ގްރޫޕް ލީޑުކުރައްވައި މަޖިލީހުގައި އެންމެ ގިނަ ބިލްތަކަށް އަދި އިޞްލާޙުތަކަށް ވަކާލާތުކުރެއްވި އެއް މެންބަރަކީ އަޙްމަދު ނިޙާނެވެ.

ޢަބްދުއްރަޙީމެކޭ އެއްގޮތަށް ސަރުކާރާއި މަޖިލީހުގެ ދިފާޢުގައި އެންމެ ގަދަޔަށް ވަކާލަތުކުރެއްވި އެއް މެންބަރަކީވެސް ނިޙާންއެވެ. ނަމަވެސް ތިނަދޫ ދެކުނު ދާއިރާއިން ނިހާނަށް ތާޢީދެއް ނުލިބެއެވެ. އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ސަނީފާ ވާދަކޮށް ނިހާނަށްވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ޢާއިލީ ވާދަވެރިކަން

19ވަނަ މަޖިލީހުގެ އިންތިޚާބު ވެގެންގޮސްފައިވަނީ އެއް ޢާއިލާއަކަށް ނިސްބަތްވާ ޢާއިލީ މެންބަރުންވެސް އެންމެ ގިނައިން ވާދަކުރެއްވި އެއް އިންތިޚާބަށެވެ. ފ.ނިލަންދޫ ދާއިރާއަށް 2014ވަނަ އަހަރުވެސް އަދި މިއަހަރުވެސް ކުރިމަތިލެއްވި އެއް އައިލާގެ ދެބޭފުޅުންނަކީ ޑރ.ޢަބްދުﷲ ޚަލީލާއި، ޢަބްދުއް މުޙުސިން ހަމީދެވެ. 2014ވަނަ އަހަރުގެ އިންތިޚާބުގައި ޢާއިލީ ގުޅުން ބޮޑު މި ދެބޭފުޅުން ވާދަކޮށް ނަތީޖާ ހަމަހަމަ ވުމުން އަލުން ވޯޓު ގުނުމަށްފަހު އެންމެ ވޯޓެއްގެ ނަތީޖާއަކުން އިންތިޚާބުވެވަޑައިގަތީ ޑރ.ޢަބްދުﷲ ޚާލީލެވެ. 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންނެވި އެންމެ ޢިލްމީ އެއް މެންބަރަކީވެސް އޭނާއެވެ.

19ވަނަ މަޖިލިސް އިންތިޚާބުގައިވެސް އެ ދެބެއިން ވާދަކޮށް ޚާލީލްގެ މައްޗަށް ކުރި ހޯއްދެވީ ރައީސް މަޢުމޫންގެ ތާޢީދާއެކު އިންތިޚާބަށް ނިކުމެވަޑައިގެންނެވި ޢަބްދުއްމުޙުސިން ޙަމީދު (ޖޭފޯ)އެވެ.

ރައީސް މަޢުމޫންގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫނަކީ މިސަރުކާރު ވެރިކަމަށް ގެނައުމުގައި އަދި އިސްލާޙަށް އެއިރުގެ އިދިކޮޅު ފަރަތްތަކުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ނުވަތަ ރައީސް ޔަމީންގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ފެށުމަށް މެދުވެރިވި މެންބަރެވެ.

ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ފާރިސްއަށް އެދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި ނުއުފުއްލެވި ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލަށެވެ. ވެރިކަން ބަދަލުވެ ޖަލުން ސަލާމަތްވެވަޑައިގެން މިފަހަރުގެ އިންތިޚާބުގައި ފާރިސް ވާދަކުރެއްވީ އަމިއްލަފުޅު ދާއިރާ މައްޗަންގޮޅި ދެކުނަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ މުޙައްމަދު ރަޝީދު (ބޯދިގު)އާއި ވާދަކޮށް ފާރިސްއަށް ނާކާމިޔާބު ވެވަޑައިގަތީއެވެ. ބައްޕާފުޅު ރައީސް މައުމޫންގެ ތާޢީދާއެކު ނިކުމެވަޑައިގެންވެސް ފާރިސްއަށް ނާކާމިޔާބުވެވަޑައިގަތްއިރު ބޮޑުބޭބޭފުޅު ކުރީގެ ރައީސް ޔާމީންގެ ތާޢީދާއެކު މަަޖިލީހުގެ އިންތިޚާބަށް ނުކުމެވަޑައިގަތް ކޮއްކޯފުޅު މުޙައްމަދު ޣައްސާން މައުމޫން ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުން ޖާގަ ހޯއްދަވާފައެވެ. ގިނަ ދައުރުތަކެއް މަޖިލީހުގައި ފުރުއްވި ޙުސައިން މަނިކު ދޮންމަނިކާއި ވާދަކުރައްވައި ޣައްސާންވަނީ ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.

ދެމަފިރި ކަނބަލުންގެ އިންތިޚާބެއް

19ވަނަ މަޖިލީހަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ދެ ދެމަފިރިކަނބަލަކު ވަނީ އިންތިޚާބު ކާމިޔާބުކުރައްވައި ތާރީޚުން ޖާގަ ހޯއްދަވާފައެވެ. އައްޑޫ މީދޫ ދާއިރާގެ މިހާރުގެވެސް މެންބަރު ރޮޒައިނާ އާދަމް ނިކުމެވަޑައިގަތީ އެ ދާއިރާގެ ގޮނޑި ދެވަނަ ފަހަރަށް ދިފާއުކުރައްވާށެވެ. ތުލުސްދޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރެއްވި ރޮޒައިނާއަށް ވަނީ ތިން ވަނަ ދައުރަކަށްވެސް ހޮވިވަޑައިގެންފައެވެ.

އަދި އޭނާގެ ފިރިކަލުން އަޙްމަދު ނާޝިޒަށްވެސް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ވަނީ ކާމިޔާބު ލިބިވަޑައިގެންފައެވެ. 17ވަނަ މަޖިލީހުގައިވެސް މެންބަރުކަން ކުރެއްވި ނާޝިޒު މިފަހަރު ކާމިޔާބު ކާމިޔާބުކުރެއްވީ ތ.ކިނބިދޫ ދާއިރާގެ ގޮނޑިއެވެ. އެހެންކަމުން 19ވަނަ މަޖިލީހުގައި އެ ދެމަފިރިކަނބަލުން ފެނިވަޑައިގަންނަވަނެއެވެ.

ހަމައެހެންމެ މަޝްހޫރު ޤާނޫނީ ވަކީލާ ޙިސާން ހުސައިންވެސް ވަނީ 19ވަނަ މަޖިލީހުން ޖާގަ ހޯއްދަވާފައެވެ. އަދި އެކަމަނާގެ ފިރިކަލުން އިބްރާހީމް ނާޒިލްވެސް ވަނީ މިއިންތިޚާބުގައި އެއް ކެނޑިޑޭޓަކަށް ލިބިވަޑައިގެންނެވި އެންމެ ގިނަ ވޯޓާއެކު އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި އަލަށް މަޖިލީހުގެ ގޮނޑިއެއް ހޯއްދަވާފައެވެ.

ކުރީގެ ރައީސުންނާއި ނާއިބު ރައީސުން ވާދަކުރި

އެންމެ ގިނަ ބައެއްގެ ކަޅި މިފަހަރުގެ އިންތިޚާބަށް އަމާޒުވި އެއްސަބަބަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި، ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެއް މިއިންތިޚާބުގައި ވާދަކުރެއްވުމެވެ. އަދި ކުރީގެ ބައެއް ވަޒީރުންވެސް މި އިންތިޚާބުގައި ވާދަކުރެއްވުމެވެ. ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު އިންތިޚާބުގައި ވާދަކުރެއްވިއެވެ. ނަޝީދު ވާދަކުރެއްވީ މުޅިން އަލަށް މާލެއަށް އިތުރުވި މައްޗަންގޮޅި މެދު ދާއިރާއަށެވެ. އަދި ޖަމީލް ވާދަކުރެއްވީ ވިލިމާލެ ދާއިރާއަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ރައީސް ނަޝީދަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރައީސްކަން ކުރައްވާފައިވަ ބޭފުޅަކު މެންބަރަކަށް ވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެމަނިކުފާނަކީ މަޖިލީހަށް އައު ބޭފުޅެއް ނޫނެވެ. މީގެ ކުރިން މާލޭގެ މެންބަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. އެމަނިކުފާނު ވެގެންދާނީ ޤައުމުގެ އެންމެ އިސް މަޤާމެއް އަދާކުރެއްވުމަށްފު މަޖިލީހުގެ މެންބަރަކަށް ވެވަޑައިގެންނެވި އެންމެ ފުރަތަމަ ބޭފުޅައަށްވެސް މެއެވެ.

ވަޒީރުކަން ކުރެއްވި ބައެއް ބޭބޭފުޅުން

ވަޒީރުކަން ކުރެއްވި ބައެއް ބޭބޭފުޅުންގެ ތެރެއިން 5 ބޭފުޅަކު މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ޙަސަން އަފީފު ވާދަކުރެއްވީ ވިލުފިށީ ދާއިރާއަށެވެ. މީގެ ކުރިންވެސް މެންބަރުކަން ކުރައްވާފައިވާ އަފީފް 19ވަނަ މަޖިލީހުން ޖާގަ ހޯއްދެވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އަދި ވިލުފުށީ ދާއިރާގެ ގޮނޑި ދިފާއުކުރައްވަން ނިކުމެވަޑައިގަތް ރިޔާޟް ރަޝީދާ ވަދަކުރައްވައެވެ. އަފީފް ވަނީ މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުގެ ޝަޢުގުވެރިކަންވެސް ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ޙަސަން ލަޠީފްވެސް މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. އަލަށް މާލެއަށް އިތުރުވި އެއް ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކޮށް ޙަސަން ލަޠީފް ވަނީ އެދާއިރާ ތަމްސީލްކުރައްވާ ފުރަތަމަ މެންބަރަށް ވެވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަދި ފަހުން އެމަޤާމުން ދުރުކުރައްވާ ޖަލުގައި ހޭދަކުރެއްވި ކާނަލް މުޙައްމަދު ނަޒިމްވެސް ފުރަތަމަ ފަހަރަށް މަޖިލީހުގެ ގޮނޑިއެއް މިވަނީ ކާމިޔާބުކުރައްވާފައެވެ. ދަނގެތި ދާއިރާއަށް ވާދަކުރައްވާ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުކޮޅު ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ޢުމަރުވެސް ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުން ޖާގަ ހޯއްދަވާފައެވެ. 18ވަނަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މައްޗަށް ކުރި ހޯއްދަވައިގެންނެވެ. މިހާރުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދާއި، މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކާ ވާދަކޮށް ވަނީ އެދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަން ކުރައްވާފައިވާ ޢަބްދުﷲ ކަމާލިއްދީންވެސް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވައި އޭނާއަށްވެސް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީއާއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ނާޒިމް އިބްރާހީމަށް މިފަހަރުވެސް ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެއްވުނެވެ. 18ވަނަ މަޖީހަށްވެސް ނާޒިމް ވާދަކުރެއްވިއެވެ. އެފަހަރު ނާޒިމަށް ނާކާމިޔާބުވެވަޑައިގަތީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައެވެ. އަނެއްކާވެސް ނާޒިމަށް ނާކާމިޔާބުވެވަޑައިގަތީ މުޅިން އަލަށް އެދާއިރާއަށް ވާދަކުރެއްވި އަންހެން ބޭފުޅެއްކަމށްވާ ޖީހާން މަހުމޫދާއި ވާދަކުރައްވައެވެ. ކުރީގެ ވަޒީރުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރައްވާ ދެން ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތީ ކުރީގެ ޔޫތު މިނިސްޓަރ އިރުތިޝާމެވެ.

18ވަނަ މަޖިލީހުގެ ގިނަ މެންބަރުންނަށް ނާކާމިޔާބު

18ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މެންބަރުންނަށް މިފަހަރުގެ 19ވަނަ މަޖިލިސް އިންތިޚާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

މިހާރު މެންބަރުކަމުގައި ތިއްބެވި 44 މެންބަރަކަށް އިންތިޚާބު ކާމިޔާބު ނުކުރެއްވުނެވެ.
1. ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
2. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ
3. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
4. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު
5. ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް
6. ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ
7. ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް
8. ކުޅުއްދުއްފުށީ އުތު ދާއިރާގެ މުޙައްމަދު ނަޝީދު
9. މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް
10. ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން
11. މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު
12. ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް
13. ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް
14. ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު
15. ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ
16. އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާޙް
17. މުޙައްމަދު އަމީތު އަޙްމަދުމަނިކު މަޑުއްވަރި ދާއިރާ
18. ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން
19. ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް
20. މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު
21. ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން
22. ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް
23. ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން
24. ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް
25. ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު
26. ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ
27. ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު
28. އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް
29. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ
30. ގެމަނަގުށީ ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން
31. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ
32. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު
33. މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު
34. ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު
35. ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު
36. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް
37. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަލީ ފަޒާދު
38. ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
39. ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ
40. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް
41. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން
42. މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
43. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު
44. ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު

އެންމެ ދޮށީ ކެނޑިޑޭޓާއި އެންމެ ހަގު ކެނޑިޑޭޓް

ނިމިދިޔަ އިންތިޚާބުގައި ވާދަކުރެއްވި އެންމެ ދޮށީ ކެނޑިޑޭޓަކީ ނައިފަރު ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި 71 އަހަރުގެ އަޙްމަދު މުޙައްމަދު (އުސްތާޛް)އެވެ. ޚާއްޞަ މަޖިލީހާއި ފާދިއްޕޮޅު ދާއިރާގެ މެންބަރުކަންވެސް 15އަހަރު ވަންދެން ކުރެއްވި އަޙްމަދު މުޙައްމަދަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެއްވުނެވެ.

މި އިންތިޚާބުގައި ވާދަކުރި އެންމެ ހަގު ކެނޑިޑޭޓަކީ ނޫސްވެރިއެއްގެ ގޮތުގައި ޢާންމުނަށް ފެނިގެންދިޔަ މުޙައްމަދު ވިސާމެވެ. ވިސާމް ގަމު ދާއިރާއަށް ވާދަކުރެއްވީ އެދާއިރާގެ މެންބަރު ފައްޔާޒް އިސްމާޢީލް ވަޒީރުކަމށް ވަޑައިގަތުމުން އެދާއިރާގެ ގޮނޑި ހުސްވެފައިވަނިކޮށެވެ. 24އަހަރުގެ ވިސާމް ވެގެންދާނީ 19 ވަނަ މަޖިލީހުގައި އިންނަވާނެ އެންމެ ހަގު މެންބަރުގެ ގޮތުގައެވެ.