ވިޔަފާރި

ލޯކަލް ޓުއަރިޒަމް ހިންގަންވާނީ ރާއްޖޭގެ "ބްރޭންޑް" ނުގެއްލޭހެން


ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓްހައުސްގެ ވިޔަފާރިއަކީ ރާއްޖޭގައި މިހާރު އެންމެ ހަލުވިކަމާއިއެކު ކުރިއަރަމުންއަންނަ ސިނާއަތެކެވެ. "މޯލްޑިވްސް"ގެ ނަމުގައި މުޅިދުނިޔެއަށް މަޝްހޫރުވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން ހެޔޮއަގުގައި ތަޖުރިބާކޮށްލައި ދިވެހިންގެ ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ބަލާލުމުގެ ފުރުސަތަކީ ފަތުރުވެރިންނަށް ލިބޭ ރަނުގެ ފުރުސަތެއްގެގޮތުގައި އެމީހުން ދެކެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެއްދުވަހުން އަނެއްދުވަހަށް ލޯކަލް ޓުއަރިޒަމް ފުޅާވެ ކުރިއަރަމުންދިއުމުގެ މައިގަނޑު ސަބަބަކީ މިއެވެ. މިއާއެކު ފޯރުންތެރިކަން ހުރި ކޮންމެ މީހަކުވެސް މިވިޔަފާރިއާއާ ދިމާއަށް ދެއެވެ. އެހެންނަމަވެސް ވިސްނާލަންޖެހިފައިވާ ކަމަކީ، މިކަމުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމެވެ. ދުނިޔޭގެ ހަތަރުބިތަށް މަޝްހޫރުވެފައިވާ ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ފަތުރުވެރިކަމަށް މިކަމުގެ ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ކަމަކަށް ފުރުސަތު ދީގެން ނުވާނެއެވެ. އަދި ރާއްޖެއާމެދު ފަތުރުވެރިގެ ހިތްތަކުގައި ޒަމާނުއްސުރެ އުފެދިފައި އޮންނަ ރީތި ތަޞައްވުރަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެންވެސް ނުވާނެއެވެ.

މިހެން މިދެންނެވީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ބައެއް ގެސްޓްހައުސްތަކުން ޚިދުމަތްދޭ މައްސަލައާއި، ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ކަމާބެހޭ އިދާރާތަކާއި މި އިންޑަސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ބައެއް ގެސްޓުހައުސްތަކުންނާއި ލޯކަލް ޓުއަރިޒަމްގެ ބައެއް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރާކަމުގެ މައްސަލަ ފެންމަތިވެފައިވާތީއެވެ.

މިފަދަ މައްސަލަތައް މަދުންނަމަވެސް ކުރިމަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީގައި ރަޖިސްޓްރީނުކުރާ ގެސްޓްހައުސްތަކަށް، ފަތުރުވެރިކަމުގެ އެއްވެސް ޙިދުމަތެއް ނުދެވޭނެކަމަށާ، މިއާ ޚިލާފަށް ޢަމަލުކުރާ ގެސްޓްހައުސްތަކާމެދު ފިޔަވަޅުއަޅުއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ޓުއަރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާޢިދަށް 15 ޖަނަވަރީ 2010 ގައި ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގައި ވާގޮތުން ރާއްޖޭގައި އެއްވެސް ގެސްޓްހައުސްއެއް ހިންގަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ރާއްޖޭގެ ބައެއް ގެސްޓްހައުސްތައް މި ޤަވައިދަށް ޢަމަލު ކުރަމުންނުދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ވިޔަފާރި އުސޫލުން ބޭތިއްބޭނީ ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ކަމަށާ އެނޫންތަންތަނުގައި ވިޔަފާރީގެ އުސޫލުން ފަތުރުވެރިން ނުބޭތިއްބުމަށް ޓޫރިޒަމްގެ ޤާނޫނުގައި ބުނެފައިވެއެވެ. ޤާނޫނީ އިންތަކަށާއި ކަނޑައެޅިފައިވާ އުސޫލުތަކަށް ތަބާވުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ މީގެކުރިންވެސް އެތައްފަހަރަކު އިލްތިމާސްކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށް މުޅިންއަލަށް 40 ގެސްޓްހައުސް ވަނީ އިތުރުވެފައެވެ. މިއީ އަލަށް އިތުރުވި 666 އެނދެވެ. މިއާއިއެޅު ގެސްޓަހައުސްތަކުގެ ޖުމްލަ ޢަދަދު 545 ވަނީ އަރާފައެވެ. އަދި ބެޑް ކެޕޭސިޓީ ވަނީ 8944 އަރާފައެވެ.

މިދާއިރާއިން ރާއްޖެ ހޯދަމުންދާ، އަވަސް ކުރިއެރުންތާއެކު ވިސްނާލަންޖެހޭ ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިއޮތްހިސާބަށް އައީ މިއިންޑަސްޓްރީގެ އިސް މޭސްތިރިންނާއި ސަރުކާރުން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމެވެ. ވަކިހަމަތަކެއް ހިފަހައްޓައި ރާއްޖޭގެ ރީތިނަމާއި ޝަރަފު ޙިމާޔަތްކޮށްގެންކަމެވެ. އެހެންކަމުން ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދޭންޖެހެއެވެ. މި އިންޑަސްޓްރީއަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ މުޅި ޤައުމާއި ރައްޔިތުންނަށް އަންނާނެ ނިކަމެތިކަމެކެވެ.