ޚަބަރު

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބޭ ބިދޭސީންނަށް ޚާއްސަކޮށްގެން އައު ޔުނިޓެއް ހުޅުވައިފި


ހުޅުމާލެ ޖަލުގައި ހަދާފައިވާ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބޭ ބިދޭސީންނަށް ޚާއްސަކޮށްގެން ހެދި 40 މީހުންގެ އައު ޔުނިޓް ހުޅުވައިފިއެވެ.

މިޔުނިޓަކީ އިމްގްރޭޝަންގެ ޤަވާއިދާއި ޚިލާފުވެގެން އަނބުރާ ޤައުމަށް ފޮނުވާލާ ބިދޭސީން އެޤައުމަކަށް ފޮނުވަންދެން ބޭތިއްބުމަށް ހަދާފައިވާ ޑިޓެންޝަން ސެންޓަރުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ބަންދުގައި ތިބޭ އެފަދަ ބިދޭސީންނަށް އިންސާނީ ކަރާމާތް ލިބޭނެފަދަ ގޮތަކަށް ބެލެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ޤާއިމްކުރި ޔުނިޓެކެވެ.

މި ޔުނިޓު ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ޑިޓެންޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލު ނުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމުގައި ސަރުކާރުން އަމަލުކުރާނީ ބައިނަލް އަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީގެންކަމަށާއި، ނަމަވެސް މިހާރު އެގޮތަށް ތިބޭ ބިދޭސީން ބެލެހެއްޓުމަށް ހަމަޖެހިފައި ހުރީ އެކަށީގެންވާ އިންތިޒާމްތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި ހުޅުމާލެ ޖަލުގައި ހުޅުވުނު އައު ޔުނިޓާއެކު ބަންދުގައި ތިބޭ ބިދޭސީން އަނބުރާ ޤައުމަށް ފުރުވާލެވެންދެން ބައިތިއްބޭނެ އެކަށީގެންވާ ރަނގަޅު އިންތިޒާމްތަކެއް ވަނީ ހަމަޖެހިފައެވެ.

"އާދެ މިއަދު އަޅުގަނޑުމެން މިތަނުގައި މިހުޅުވާ 40 މީހުންގެ ޑިޓެއިނިން ސެންޓަރަކީ، ބޭރުމީހުން އެބައިމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ ކުރިން ބަންދުކޮށްފައި ތިބޭ މުއްދަތުގައި އިންސާނީ ކަރާމަތް ލިބޭފަދަ ގޮތަކަށް އެކަން ކުރުމަށް ކަރެކްޝަނަލް ސަރވިސްގެ އުންމީދުތަކުގެ ތެރެއިން ހާސިލުކުރެވޭ ބޮޑު އުންމީދެއް. ކުރިން އެމީހުން ތިބީ އިންސާނީ ކަރާމާތާ އެކަށީގފެންވާ މިންވަރަށް ދެވެމުންދިޔަ ގޮތެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ ބަންދުގައި ތިބޭ ބިދޭސީން މީގެކުރިން ބަލަހައްޓަމުން ދިޔައީ ބޮޑު ހޯލެއްގައި ބިންމަތީގައި ކުނާ ފަތުރައިގެން ކަމަށެވެ. ނަމަވެސް މިބަދަލާއެކު ހުޅުމާލެ ޖަލުގައި ޤައިދީން ތިބޭ ސަރަހައްދާއި، ޑިޓެންޝަން ސެންޓަރުގެ ބައި ވަކިކޮށް މިއަދުން ފެށިގެން ބަންދު މީހުން ބަލަހައްޓަން ފެށޭނެކަމަށްވެސް ކަރެކްޝަނަލް ސަރވިސުން މައުލޫމާތުދެއްވައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ޑިޓެންޝަން ސެންޓަރުގެ ޔުނިޓުތައް 24 ގަޑިއިރު މޮނިޓަރ ކުރެވެމުންދާނެކަމަށްވެސް އެސަރވިސުން މަޢުލޫމާތުދެއްވައެވެ.

ޤަވާއިދާ ޚުލާފުވާ ބިދޭސީން އަންބުރާ ޤައުމަށް ފޮނުވާލެވެންދެން ބަންދުގައި ބައިތިއްބާ ޑިޓެންޝަން ސެންޓަރުގައި އެވްރެޖްގޮތެއްގައި މަހެއްހާ ދުވަސް ހޭދަވާއިރު، މިވަގުތުވެސް ޑިޓެންޝަންގައި 63 މީހުން ތިބިކަމަށް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ. ޑިޓެންޝަން ސެންޓަރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނުގައި 120 މީހުން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ކަރެކްޝަނަލް ސަރވިސުން މައުލޫމާތުދެއްވައެވެ.