ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި އދ.އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީއާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޒްމީލެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މުނީރް ސަފިލްޑިންއެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވޯރކް (އުންޑާފް)ގެ ދަށުން 2016ވަނަ އަހަރު ދިވެހި ސަރުކާރާއި އދ.އާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2020ވަނަ އަހަރު އަންނަން ވާއިރަށް 4 ދާއިރައަކުން ކުރިއެރުން ހޯދުމަށް ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންނާއި ޒުވާނުންގެ ތަރައްޤީއަށް ހިންގާ އެކި ޕްރޮގްރާމްތަކަކީ "އުންޑާފް"ގެ މައިގަނޑު އެއްދާއިރާއެވެ. އެގޮތުން ހުރިހާ ކުދިން ޝާމިލުވާގޮތަށް ޚިދުމަތްދިނުމާއި ޢާއްމު އިޖުތިމާޢީ ޚިދުމަތްތައްކުގެ ފެންވަރު މަތިކުރުމާއި ހުނަރު ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށް މި އެއްބަސްވުމުގެ ދަށުންވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޒްމީލް ވިދާޅުވީ މި އެއްބަސްވުމަކީ ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އެއްމަސްދުވަހު އެކި ދިރާސާތައްކޮށް އެކުލަވާލި އެއްބަސްވުމެއްކަމަށެވެ.
5 އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން އިތުރު 3 އެއްބަސްވުމެއް އެކުލަވާލާފައި ވެއެވެ. މިއަދު ސޮއިކޮށްފައިވަނީ މީގެ އެންމެ ފަހުގެ އެއްބަސްވުމުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއެއްބަސްވުމާއެކު ރާއްޖޭގައި، ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށް އެކުލަވާލި ދެއަހަރުދުވަހުގެ ޕްލޭނަށް މަސައްކަތްކުރާނެއެވެ.
އެގޮތުން ކުދިންގެ ސިއްޙަތާއި ޅަފަތުގައި ދެވޭ ތަޢުލީމު އިތުރަށް ހަރުދަނާކުރުމާއި ނުރައްކާތެރި ބަލިތަކާ ގުޅޭގޮތުން ފުރާވަރަށް އަރަމުންއަންނަ ކުދިން ހޭލުންތެރި ކުރުވުމާއި ޤައުމީ މަންހަޖާ ގުޅުންހުރި ކަންކަން ގާތުން ބަލައި މޮނީޓަރކުރުމާއި، ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްތަކްތައް ކުރުމާއި ކުޑަކުދިންނާއި ޒުވާނުން ކުށަށް އަރައިގަތުމާއި ޑްރަގުގެ ވަބައިގައި ޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތްތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިއަމާޒުތަކަށް ވާސިލުވުމަށް ކަމާގުޅުންހުރި ސަރުކާރުގެ 7 މުވައްސަސާއަކާއި އދ.ގެ 5 އިދާރާއަކުން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް ކަމާ ގުޅުންހުރި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.