ޚަބަރު

މިއީ ވިލާއިން ނެރުނު އެންމެ މޮޅު ޓީމު - ސައީދު


ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތައް ނެރެވުނު އެންމެ މޮޅު ޓީމަކީ މިއަހަރުގެ އަށާރަ އަހަރުން ދަށުގެ ކެޓަގަރީއަށް ނެރެވުނު ޓީމުކަމަށް އެ ސްކޫލްގެ ކޯޗު އިބްރާހިމް ސައީދު ބުނެފިއެވެ.

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ދޭއް ސުމަކުން ސީއެޗްއެސްއީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އެ ސްކޫލަށް ހޯދައިދިނުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސައީދު ބުނީ، ހުރިހާގޮތަކުން ބެލިނަމަވެސް މިއަހަރުގެ މުބާރާތަށް ނެރެނު ޓީމަކީ ވަރަށް ފުރިހަމަ ޓީމެއްކަމަށެވެ.

އަދި ޓީމު އެކުލަވާލުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށްވެސް ސައީދު ބުންޏެވެ. އެގޮތުން އެހެން އަހަރުތަކާއި ޙިލާފަށް މިއަހަރުގެ މުބާރާތަށް ޓީމު އެކުލަވާލި ސެލެކްޝަނަށްވެސް ވަރަށް ގިނަ ކުދިން ހާޞިރުވިކަމަށާއި މުބާރާތަށް ފައިނަލް ސްކޮޑް އެކުވާލީ ވަރަށް ވިސްނާފައިކަމަށެވެ. އަދި ވިލާގެ އަށާރަ އަހަރުންދަށުގެ ޓީމުގައި ޔޫތް ޗެމްޕިއަންޝިޕް އާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެވޭ ފެންވަރުގެ ކުދިން ތިބިކަން ކޯޗު ފާހަނގަކުރިއެވެ

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ކޯޗު އިބްރާހިމް ސައީދަށް މި ސީޒަށް މިހާތަނަށް ވެގެންގޮސްފައިވަނީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ.

ސައީދުގެ ކޯޗުކަމުގެ ދަށުން ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އީގަލްސް ހޯދިއިރު ފަނަރަ އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ކަން އިމާދުއްދީން ހޯދީވެސް އިބްރާހިމް ސައިދުގެ ކޯޗުކަމުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.