ޚަބަރު

ދިވެހިރާއްޖެ ރަސްމީކޮށް އިންޓަނޭޝަނަލް ސޯލަރ އެލަޔަންސްގެ މެމްބަރަކަށް ވެއްޖެ


ދިވެހިރާއްޖެ ރަސްމީކޮށް އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް މެމްބަރު ޤައުމަކަށް ވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އެކަމަށްޓަކައި މިއަދު އެންވަޔަރުމަންޓް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް" އަކީ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދުން އިތުރުކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދީ މިދާއިރާގެ ޓެކްނޮލޮޖީ އިތުރަށް ހަރުދަނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ އާއި ފްރާންސް ގުޅިގެން އުފައްދާފައިވާ ޖަމާޢަތެކެވެ.

ދިވެހިރާއްޖެ ރަސްމީކޮށް އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް މެމްބަރު ޤައުމަކަށް ވުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރު ވިދާޅުވީ، ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ގަޑިތަކުގައި ބޭނުންކުރާ ހަކަތައިގެ 70 އިންސައްތަ އިޔާދަކުރަނިވިހަކަތައިން އުފެއްދުމަކީ އަދުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ރާއްޖެއިން ކުރަމުން އަންނަކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުގައި ހިމެނޭ ކަރަންޓުގެ އަގު ހެޔޮކުރުމުގެ މަޝްރޫޢު ފަށާފައިވާއިރު ކަރަންޓު އަގުހެޔޮކުރުމަށް އޮތް އެންމެ ބޮޑު ވަޞީލަތަކީ އަވިން ކަރަންޓު އުފެއްދުންކަމަށާއި، 12 ގަޑިއިރަށް އިރުގެ އަލި ރާއްޖެއަށް ލިބޭއިރު މިއީ ރާއްޖެއަށް ފަސޭހަ ނިޒާމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަވިން އުފައްދާ ހަކަތަ އެކަށީގެންވާ ގޮތެއްގައި ރައްކާކުރުމަށް ބެޓްރީ ސިސްޓަމްތައް ބޭނުންވާއިރު، ރަށްރަށުގައި ޤާއިމުކޮށްފައިހުރި ގްރިޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓު އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އުޅެނީ އެންމެ 6 އިންސައްތައިގައެވެ.

ކުރީގެ ސަރުކާރުންވެސް ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ގަޑިތަކުގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކޮށްފައެވެ.

އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް މި ޖަމިއްޔާގައި 50 އަށްވުރެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވާއިރު ރާއްޖެއިން މި ޖަމިއްޔާގައި ބައިވެރިވެފައިވަނީ 2015 ވަނަ އަހަރެވެ. ނަމަވެސް މި ޖަމިއްޔާގެ ފުރިހަމަ މެންބަރަކަށްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.