ޚަބަރު

ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިންނަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ރާއްޖޭގައި ޤާއިމްކުރުމާ ގުޅޭގޮތުން ޖަރުމަން ވިލާތުގެ ފެޑްރަލް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ހެއިކޯމާސް އާއި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ ޝާހިދު، ޖަރުމަނު ވިލާތުގެ ފެޑްރަލް މިނިސްޓަރ ފޮރ ފޮރިން އެފެއާޒާއެކު މަޝްވަރާކުރައްވާފައިވަނީ ފަސް ވަނަ ބަރލިން އެނަރޖީ ޓްރާންސިޝަން ޑައިލޮގުގެ ހަވާސާގައި ބޭއްވެވި ބައްްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ޖަރުމަނު ވިލާތުގެ ފެޑްރަލް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ވަނީ އެނަރޖީ ޑާއިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ޤަބޫލުކުރައްވައި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީތީ ފޮރިން މިނިސް އަބްދުﷲ ޝާހިދަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ނިމިދިޔަ ރިޔާސީ އިންތީޚާބަށްފަހު ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އަމާންކަމާއެކު ޑިމޮކްރަސީގެ ހަމަތަކާއެއްގޮތަށް ކުރިއަށްގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާއާއި އައު ސަރުކާރުން ކުރެއްވި މަސައްކަތްތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީން ހޯދި ކާމިޔާބީ ފާހަގަކޮށް ހެއިކޯ މާސްވަނީ އެކަމަށްޓަކައިވެސް ދިވެހި ސަރުކާރަށް މަރުހަބާދަންނަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ޖަރުމަން ސަރުކާރާއި ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭއަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމުގައި އެފަރާތްތަކުން ވެއްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޖަރުމަން ވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ދެވަޒީރުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިވެހިންނަށް ފަސޭހައިން ޝެންގެން ވިސާ ލިބޭނެ މަގު ފަހިކުރުމަށްޓަކައި ރާއްޖޭގައި އޮފީހެއް ޤާއިމު ކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނު ވިލާތައް ވަޑައިގެންނެވީ އެ ޤައުމުގައި ބޭއްވި ފަސް ވަނަ ބަރލިން އެނަރޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ޑައިލޮގަކީ ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމަށާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.