ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާވަށު ދާއިިރާގައި ބެހެއްޓި ވޯޓް ފޮށިތައް އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނައިސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ސައީދު އެ ދާއިރާގެ މެންބަރުކަން ކަށަވަރުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި އެ ދާއިރާގެ ވޯޓް ފޮށިތައް ދެވަނަ ފަހަރަށް ގުނާފައިވަނީ އީސީއަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެންނެވެ. ނަމަވެސް އެދާއިރާގެ ވޯޓްތައް ދެވަނަ ފަހަރަށް ގުނުމުންވެސް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް ފަލާހުގެ މައްޗަށް ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ސައީދު ވަނީ 5 ވޯޓުގެ ތަފާތުންނެވެ.
މާވަށު ދާއިރާގެ ވޯޓު ފޮށިތައް ދެވަނަ ފަހަރަށް ގުނުމުން ވަނީ ކުނަހަންދޫގައި ބެހެއްޓި ވޯޓް ފޮށިން ބާތިލް ވޯޓެއްގެ ގޮތުގައި ގުނާފައިވާ ވޯޓެއް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަޒްހާން ފަހުމީގެ ވޯޓެއްގެ ގޮތުގައި ނިންމާފައެވެ. އަދި ކެނދިކުޅުދޫގައި ބެހެއްޓި ފޮއްޓަށް ވޯޓް ލާފައިވާ މާވަށު ދާއިރާގެ މީހެއްގެ ވޯޓް ނަތީޖާ ޝީޓްގައި ހިމަނާފައި ނުވާތީ އެ ވޯޓް ދީފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ފަލާހްގެ ލިބުނު ވޯޓްގެ ތެރެއަށް އެ ވޯޓް ވަނީ ހިމަނާފައެވެ. އެއާއެކު ފަލާހާއި ސައީދާ ދެމެދު ފަރަގު ކުޑަވިނަމަވެސް ނަތީޖާއަށް ބަދަލެއް ނާދެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތަނަވަސް އަޣްލަބިއްޔަތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ ޖުމްލަ 65 ގޮނޑި ކާމިޔާބުކޮށްފައެވެ.