ސިޔާސީ

އަލުން ވޯޓު ގުނުމުން ވެސް ޤާސިމަށް ލިބުނު ވޯޓް ވީ އިތުރު


ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގެ ބާޠިލް ވޯޓްތައް އަލުން ގުނުމުން އެދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެވެސް މެންބަރު ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ވޯޓް އިތުރުވެއްޖެއެވެ.

މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، ޤަލީ އަމީޒްގެ މައްޗަށް ކުރި ހޯއްދެވީ މިހާރުވެސް އެދާއިރާގެ މެމްބަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ޤާސިމަށް ވަނީ 80 ވޯޓްގެ ތަފާތުން ކާމިޔާބުވެފައެވެ.

މާމިނގިލީ ދާއިރާގައި ބެހެއްޓި 3 ވޯޓް ފޮއްޓެއްގައި 190 ބާޠިލް ވޯޓްއޮތުމުން ހުށަހެޅި މައްސަލައާ ގުޅިގެން އިންތިޚާބީ މަރުކަޒުގައި އެވޯޓްތައް އަލުން ގުނިއިރު، އެމްޑީޕީން ވާދަކުރި އަމީޒަށް 45 ވޯޓް އިތުރުވިއިރު ޤާސިމަށް ވަނީ 64 ވޯޓް އިތުރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ފޮށިތަކުގެ ވޯޓް އަލުން ގުނުމުން އައި ބަދަލާއެކު މިހާރުގެ ވަގުތީ ނަތިޖާ ދައްކާގޮތުން އެމްޑީޕީން ވާދަކުރެއްވި އަމީޒަށް 1046 ވޯޓް ލިބުނުއިރު ޤާސިމް އިބްރާހީމް ވަނީ 1145 ވޯޓާއެކު އެ ދާއިރާގެ ގޮނޑި ކަށަވަރުކުރައްވާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ވަނީ ތަނަވަސް އަޣުލަބިއްޔަތުން ކާމިޔާބުކޮށްފައެވެ. އެގޮތުން އެ ޕާޓީން އެކަނި މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރިއިރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނަށް ލިބިފައިވަނީ 8 ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 5 ގޮނޑިއެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނަށް 6 ގޮނޑި ކާމިޔާބުކުރައްވާފައެވެ.