ޚަބަރު

ފަލަސްތީނުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި


ފަލަސްތީނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަލީދު އޭއެމް އަބޫޢަލީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ ދެޤައުމުގެ ގުޅުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، ފަލަސްޠީނަކީ ދިވެހިންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، އެޤައުމުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުގައި ދެމި ތިބޭނެކަން ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ސަފީރު ވަނީ އެޤައުމުގެ ރައީސް މަހްމޫދު ޢައްބާސްގެ ހެޔެއެދުންތައް ރައްދުކުރައްވާފައެވެ. އަދި ރާއްޖޭގައި ފަލަސްޠީނުގެ ރައްޔިތުން ތަމްޞީލުކުރުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވިކަމަށްޓަކައި އުފާ ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންއަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް އަށާއި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.