ޓުއަރިޒަމް

ޓީޓީއެމް ފެއަރގެ ގޯލްޑް ޕާރޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް


ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގެ ގޯލްޑް ޕާރޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފެވެ. އަދި ޓީޓީއެމް އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ ހުސައިން ސަނީ އުމަރެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ އޮންނާނީ މިމަހުގެ 20 އިން 22 އަށް ދަރުބާރުގޭގައެވެ. މޯލްޑިވްސް ގެޓަވޭސް އިން ބުނީ މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް އަމާޒުހިފާފައިވާ ކަމަށެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިވެންޓެކެވެ. ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ، ޓީޓީއެމް ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކުރާ ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިގެންދިޔަ ޖެނުއަރީމަހުގެ ނިޔަލަށެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ.
ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.