މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްފަހު ޑިމޮކްރަސީ ވަރުގަދަކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެޤައުމުގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރު ސުޝްމާ ސްވަރާޖަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުން އެމްޑީޕީއަށް ލިބުނު ތަނަވަސް އަޣްލަބިއްޔަތުގެ ބޭނުން ބޭނުން ހިފާނީ ހަރުދަނާ ގޮތެއްގައި ކަމަށާއި އެމްޑީޕީން މަސައްކަތް ކުރައްވާނީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށާއި ޑިމޮކްރަސީ ވަރުގަދަކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ކަށަވަރު ކުރެއްވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރި ހޯއްދެވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެފައެވެ.
މޯދީގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން އެ ދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.