ޚަބަރު

ޝަކުވާކުރުމުން، ކަފިހުރަސް ބަންދުވާ ގޮތަށް ޖަހާފައިވާ ޗެންޗޭނު ނަގައިފި


މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑެތި މަގުތަކެކެވެ. ވަކި މަގެއް ބާރު ކުޑައޭ ދެންނެވޭކަށް ނެތެވެ. ދުއްވާ އެއްޗެހި އެހާމެ ގިނައެވެ. މަގު ހުރަސްކުރާ ފަރާތްތައް މަގު ހުރަސް ކުރަން ނުކެރިފައި އެތައް އިރެއް ވަންދެން ތިބެއެވެ. ބައެއް މަގުތަކުގައި މަގުހުރަސް ކުރުމަށް އޮންނަ ކަފިހި ހުރަސް ފެންނަން ނެތުމުން އެމީހަކު ހިތަށް އެރި ގޮތަކަށް މަގު ހުރަސް ކުރަމުންވެސް މި ފަހުގެ މާޒީއެއްގައި ދިޔައެވެ. ނަމަވެސް ސިޓީ ކައުންސިލަށް ބާރުތައް ލިބުމާއިއެކު ސިޓީ ކައުންސިލުން އަންނަނީ ފުހެވިފައިވާ ކަފިހި ހުރަސްތައް އައު ކުރައްވާ އެތަންތަނުގައި ކުލަ ލައްވާ އާއްމުންނަށް ފަސޭހަވާނެ އިންތިޒާމުތައް ހަމަޖައްސަވާދެއްވަމުންނެވެ.

ނަމަވެސް، މިއަދު މި ދިމާވީ މުޅިން ތަފާތު ކަމެކެވެ. ކަފިހި ހުރަސްވެސް ޢާއްމުންނަށް އެނގޭނެ ގޮތަށް ފާހަގަކުރެވިފައި ހުއްޓެވެ. މައްސަލައަކަށްވީ ކަފިހި ހުރަސްކޮށް ދެން އޮތް ޕޭމަންޓަށް އަރަން އުނދަގޫވުމެވެ. ސަބަބަކަށްވީ ކަފިހި ހުރަސް ކުރިމައްޗަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ޗެންޗޭނެއް ބަހައްޓާފައި ހުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މިނިސްޓަރުންނާއި ކައުންސިލްތަކުގެ މެންބަރުން ފެންނަނީ މިފަދަ ކަންކަން ޢާއްމުންގެ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް އެކަންކަން ރަނގަޅު ކުރުމަށް އެދުމުން ވީ އެންމެ އަވަހަކަށް އެކަން ކޮށްދެއްވާ ސަރުކާރެއްގެ ގޮތުގައެވެ. ކުރުކޮށް ދަންނަވާނަމަ ސޯޝަލް މީޑިއާގައި ޢާއްމުން ކުރާ ޝަކުވާ ސަރުކާރުގެ އިސް ބޭފުޅުން ދަނީ އަޑު އަހަމުންނެވެ. އެކަންކަމަށް ޙައްލު ގެނެސްދެއްވަމުންނެވެ.

މިދެންނެވި މައްސަލަވެސް ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިންނެވެ. ފޮޓޯގައި ފެންނަނީ މަގު ހުރަސްކުރި މީހަކު ޗެންޗޭނު މަތިން އަރާ މަންޒަރެވެ. ބުނެދޭން ބޭނުންވަނީ އެގޮތަށް ކަފިހި ހުރަސް ކުރިމަތީގައި ޗެންޗޭނު ޖަހާފައި ހުރުމުން ޢާއްމުންނަށް މަގު ހުރަސް ކުރުމަށް ދަތިވާ ކަމެވެ. މި ފޮޓޯ ޓްވީޓަރގައި ޕޯސްޓުކުރި ފަރާތުން ވަނީ ސިޓީ ކައުންސިލްގެ މެންބަރުން ޓެގްކޮށްފައެވެ.

މި ޓްވީޓް ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ސިޓީ ކައުންސިލްގެ މޭޔަރވަނީ އެ ޗެންޗޭނު ނަގާފައިވާ ފޮޓޯ ޓްވީޓް ކުރައްވާފައެވެ. އެކަމަނާ ކުރެއްވި ޓްވީޓްގައި އެމްޕީއެލްއަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. މިހާރު އެ މަގުން ހުރަސް ކުރާ ކޮންމެ މީހަކަށްމެ މަގުގެ އަނެއް ފަރާތަށް ފަސޭހަކަމާއިއެކު އެރޭނެއެވެ.

ސޯޝަލް މީޑިއާގައި ޢާއްމުވާ މިފަދަ އެތައް ކަމެއް ސިޓީ ކައުންސިލުން އަންނަނީ ޙައްލުކޮށްދެއްވަމުންނެވެ. މާލޭ ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެވެނީ ސޯޝަލް މީޑިއާގައި ޢާއްމުން ކުރަމުންދާ ޝަކުވާ ވަރަށް ގާތުން ބައްލަވަމުންދާ އިދާރާއެއްގެ ގޮތުގައެވެ