ސިޔާސީ

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު ޖަރުމަނަށް ވަޑައިގަންނަވައިފި


ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޖަރުމަނު ވިލާތައް ފުރާ ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު ޝާހިދު ޖަރުމަނަށް ވަޑައިގެންނެވީ އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނަ ބާރލިން އެނާޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ޑައިލޮގަކީ ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމަށާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ތިމާވެށްޓާ އެކުވެރި ހަކަތަ އުފައްދާ ސިސްޓަމްތައް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެޕްރީލް 9 އަދި 10 ވަނަ ދުވަހުއެވެ.

މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގައި ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލު ކުރައްވާނެ ކަމަށާއި ދެ ޤައުމުގެ ދެމެދު އޮތް ބައިލެޓަރަލް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.