ތަޢުލީމު

ޕްރީސްކޫލުތަކުގެ ފެންވަރު މަތި ކުރުމަށް މުހިންމު މަސައްކަތްތަކެއް


ރާއްޖޭގައި ހިންގާ ޕްރީސްކޫލުތަކުން ފޯރުކޮށްދޭ ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރުމަތިކުރުމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް އެޑިޔުކޭޝަނަލް ފަންޑް- ޔުނިސެފް- އާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.ރާއްޖޭގައި ހިންގާ ޕްރީ ސުކޫލުތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރާމަސައްކަތުގެ ދަށުން ޕްރީސްކޫލުތަކުގެ ފެންވަރު ބަލައި ވަޒަންކުރުމުގެ މިންގަނޑުތަކެއް މިހާރު އެކުލަވާލާފައިވާކަމަށް އެޑިޔުކޭޝަންމިނިސްޓްރީން ބުނެފައިވެއެވެ.ޔުނިސެފްގެ ކޮންސަލްޓެންޓުންނާއި ތައުލީމީ ދާއިރާއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ގެންދަނީ ޕްރީ ސުކޫލުތަކުގެ ފެންވަރުމަތިކުރުމަށް އެކުލަވާލި، މި މިންގަޑުތަކަށް ޕްރީސްކޫލު ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަހުލުވެރި ކުރުވުމުގެ ގޮތުން ޓްރެއިނިންގްތަކެއް ހިންގަން ފަށާފައެވެ.އެގޮތުން ހިންގި ފުރަތަމަ ޓްރެއިނިންގ މިމަހު 5 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންގޮސްފައިވެއެވެ."ޓްރެއިނިންގ އޮފް ޓްރެއިނަރސް ފޯރ ޕްރީސްކޫލު ކޮލިޓީ ސްޓޭންޑަރޑްސް"ގެ ނަމުގައި ކުއްލިއްޔާގައި ކުރިޔަށްގެންދިޔަ މިޓްރެއިނިންގ ގައި 30 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ 16 ޕްރީސްކޫލަކާއި، ޕްރީ ސުކޫލުތަކުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓަމުންދާ އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް ފަރާތްތައް ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.ރާއްޖޭގައި 234  ޕްރީ ސުކޫލެއްހިންގަމުންދެއެވެ. މި ހުރިހާ ޕްރީ ސުކޫލުތަކުގެ ޓީޗަރުންނަށް މި ޓްރެއިނިންގ ދިނުމަށް ނިންމަވާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.