ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ.ތިނަދޫ، ތޭންކު ޒިޔާދާ ނަޢީމްގެ މަރުގެ މައްސަލައިގާ އޭނާގެ ކުރީގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރިހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޒިޔާދާގެ މަރާގުޅިގެން އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ދަޢުލަތުންވަނީ، މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ ޢަމަލެއް ކުރުމާއި މީހަކު މަރުވެދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމާއި އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި ބަރަހަނާ މަންޒަރު ހިމެނޭ ކާޑު ގެންގުޅުމާއި އަދި އިތުރު ދަޢުވާއެއްވެސް އުފުލާފައެވެ.
ޒިޔާދާގެ ކުރީގެ ފިރިމީހާގެ މައްޗަށް ދަޢުލަތުން އުފުލި ހަތަރު ދަޢުވާގެ ތެރެއިން އެއްވެސް ދަޢުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާކަމަށާއި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޝާހުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވެ އޭނާ ވަނީ މިނިވަންވެފައެވެ. ޕީޖީން މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްނުކޮށް ކަމަށް ބުނެފައެވެ.
ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހުރިހާ ޝަރީޢަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
ޒިޔާދާގެ މަރާގުޅިގެން ޑޮކްޓަރުން ދެއްވި މަޢުލޫމާތަށް ރިއާޔަތްކޮށް ފުލުހުން ވިދާޅުވެފައިވަނީ ޒިޔާދާއަށް އޭނާގެ ފިރިމީހާ ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށެވެ. އެހެންވެ ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔުމުން ގދ.ތިނަދޫއިން ޒިޔާދާ ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކިބައިތަކަށް އަނިޔާ ލިބިފައިވާކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ދައްކާފައެވެ.