ދުނިޔެ

ވައިޓް ހައުސްގެ ކޮންޕިއުޓަރ ވިއުގަތަކަށް ހެކަރުންގެ ހަމަލާއެއް


އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ކޮންޕިއުޓަރ ވިއުގަތައް ފޫއަޅުވާލުމަށްފަހު އޭގައި ހިމެނޭ ޙައްސާސް ބައިތަކަށް ރަޝިޔާގެ ހެކަރުން ވަދެގެންފައިވާ ކަމަށް އެމެރިކާ އެއްބަސްވެއްޖެއެވެ.އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ސީއެންއެން ބުނާގޮތުން ރަޝިޔާގެ ހެކަރުންވަނީ ވައިޓް ހައުސްގެ ކޮންޕިއުޓަރ ވިއުގައިގެ ތެރޭގައި ހިމެނޭ ޙައްސާސް ބައިތަކުގެ އިތުރުން އެމެރިކާގެ ޚާރިޖީ ވުޒާރާ ގެ ކޮންޕިއުޓަރ ވިއުގަވެސް ފޫއަޅުވާލައި އޭގެ މުހިއްމު ބައިތަކުގެ ތެރެއަށް ވަދެގެންފައެވެ.ނަމަވެސް ރަޝިޔާގެ ހެކަރުން ވައިޓް ހައުސްއާއި އެމެރިކާގެ ޚާރިޖީ ވުޒާރާގެ ސިއްރު މައުލޫމާތުތައް ހޯދިކަން ނުވަތަ ނޫންކަން ސީއެންއެން އިން ހާމަކޮށްފައެއް ނުވެއެވެ.މިކަމާބެހޭގޮތުން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ވައިޓްހައުސް ގެ ތަރްޖަމާން މާކް ސްޓްރޯ ވިދާޅުވީ ސީއެންއެންއިން ފެތުރި ޚަބަރާބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމަށެވެ.