ޚަބަރު

ޕާކިސްތާނުން ރާއްޖެއަށް 440 ފޮތް ހަދިޔާކޮށްފި


އިސްލާމީ މަޢުލޫތަކުގެ މައްޗަށް 440 ފޮތް ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މިފޮތްތަކާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ.

ޕާކިސްތާނުން ހަދިޔާކުރި ފޮތްތަކަކީ އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ލައިބްރަރީއަށާއި، ގދ.ތިނަދޫގައި ހުންނަ އިސްލާމިކް ލައިބްރަރީއަށާއި ރ.އުނގޫފާރުގައި އަލަށް ޢިމާރާތްކުރުމަށް ނިންމާފައިވާ އިސްލާމިކް ލައިބްރަރީއަށް ބޭނުންވާ ފޮތްތަކެވެ.

މިފޮތްތަކަކީ ޖުމުލަ 88 މަޢުޟޫޢަކަށް ލިޔެފައިވާ ޖުމުލަ 440 ފޮތެވެ. މި ފޮތްތަކުގެ ތެރޭގައި އިނގިރޭސިބަހާއި ޢަރަބި ބަހުން ލިޔެފައިވާ 5 ސެޓްގެ ފޮތް ހިމެނެއެވެ. ފޮތް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ޕާކިސްތާނުން ހަދިޔާ ކުރި ފޮތްތަކުގެ ސަބަބުން ދަރިވަރުންނަށާއި ދިރާސާ ކުރާ ފަރާތްތަކަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

"ޕާކިސްތާނާއި ރާއްޖެއާދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް. ޒަމާނުއްސުރެ ދެޤައުމުގެ ދެމެދުގައި މިއޮތް ވަރުގަދަ ގުޅުން ދެމެހެއްޓިގެންދާނެކަމަށް އުއްމީދުކުރަން." ޒާހިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި ދޭންޖެހޭ އެއްބާރުލުން ޕާކިސްތާނުން އަބަދުވެސް ދެމުންގެންދާނެކަމަށެވެ. އަދި މުސްތަޤުބަލުގައިވެސް ރާއްޖެއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ޕާކިސްތާނުން ދެއްވާނެކަމުގެ ޔަޤީކަން ސަފިރު ވަނީ ދެއްވާފައެވެ.

"ރާއްޖެއާ ޕާކިސްތާނާ ދެމެދު ޘަޤާފީގޮތުންނާއި އެހެނިހެން ގޮތްތަކަށްވެސް އެއްގޮތް ކަމެއް އެބަހުރި. އެހެންކަމުން ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ޕާކިސްތާނުން ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޯށްދޭނަން." ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި މިފޮތްތަކަކީ، އެ މިނިސްޓްރީގެ ލައިބްރަރީގައި ޢަރަބި އަދި އިނގިރޭސި ފޮތް އެކަށީގެންވާވަރަށް ނެތުމާއެކު އެމިނިސްޓްރީގެ އެދުމުގެ މަތިން ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ހަދިޔާ ކުރި ފޮތްތަކެކެވެ.